ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ވަޒީރަކީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގައި ރައީސުލް ޖުމުހޫރިއްޔާ ހަމަޖައްސަވައިފި



ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ކަމުގައި ހަމަޖައްސަވައިފިއެވެ.  

މި މަޤާމަށް އެބޭފުޅާ ހަމަޖައްސަވާފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

ލާމަރުކަޒީ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ވަޒީރެއްގެ ގޮތުގައި މިނިސްޓަރ އޮފް ހޯމް އެފެއާރޒްގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ވެސް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވާފައިވެއެވެ.

ލޯކަލްގަވަރމަންޓް އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އުފައްދަވާފައިވާ ޤައުމީ މުއައްސަސާއެކެވެ.