ތަޢާރަފް - ބާރާއި މަސްއޫލިއްޔަތު


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން މި އޮތޯރިޓީއަށް ވަނީ ބާރާއި މަސްއޫލިއްޔަތުތަކެއް ޙަވާލު ކޮށްފައެވެ. މި ޤާނޫނުން މި އޮތޯރިޓީއަށް ޙަވާލުކުރެވިފައިވާ ބައެއް މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

މިއީ 2020/31: ގެ (15) އިން އިޞްލާޙުކުރެވިފައިވާ ޤާނޫނެވެ. 

(ހ) މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނުނުއަސާސީއާއި މި ޤާނުނާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުން. 

(ށ) ކައުންސިލްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުން. 

(ނ) މި ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެހެނިހެން ކަންކަންކުރުން. 

(ރ) ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތަކާއި ކައުންސިލްތަކުން އެކަށައަޅާ ގަވާއިދުތައް ހުންނަނީ އެއް އުޞޫލަކުންތޯ ބަލައި ހުރިހާ ކައުންސިލްތަކުން އެއް ހަމަތަކަކާ އެއް އުޞޫލުތަކެއް ދެމެހެއްޓުމަށް މަސައްކަތްކުރުން. 

(ބ) އޮތޯރިޓީގެ ހިންގާ ގަވާއިދު ހެދުން. 

 

އިޞްލާޙު 24/2019: ގެ (46) އިން އިތުރުކުރެވިފައިވާ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ. 

(ޅ) ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތައް ކަނޑައަޅައި، އެތަމްރީންތައް ދޭނެ އިންތިޒާމެއް ހަމަޖެއްސުން.

(ކ) މި ޤާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. 

(އ) ދިވެރިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ސިޔާސަތުތައް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެމަތިން ތަންފީޛުކުރުން. 

(ވ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމާއި، ޤައުމީ އިދާރާތަކުގެ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްކޮށް، އެއް އަމާޒަކަށް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި ހަދަންޖެހޭ އުޞޫލުތައް ހެދުން. 

(މ) މި ޤާނޫނުގެ ދަށުން އިންތިޚާބުކޮށް އުފެދިފައިވާ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި، ކައުންސިލްތަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 

(ފ) ކައުންސިލްތައް ހިންގުމުގައި ހިފަހައްޓަންޖެހޭ އަސާސީ ސިފަތަކާއި މިނަގަނޑުތައް ހިފެހެއްޓުމަށް ހަދަންޖެހޭ ޢާންމު އިޖުރާއީ ގަވާއިދުތައް ހަދައި ޢާންމުކުރުމާއި، އެ ގަވާއިދުތަކާ އެއްގޮތަށް ކައުންސިލްތަކުން ޢަމަލުކުރަމުންދޭތޯ ބެލުން.