ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލައިފި



ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނެ ކަމަށް ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ޤާނޫނުއަސާސީގެ އަށްވަނަ ބާބުގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ އުޞޫލު ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި، ކައުންސިލްތައް ބާރުވެރިކުރުވައި، ޤާނޫނު ނަންބަރު: 2010/7 )ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.

މިގޮތުން ޤާނޫނު ތަންފީޛުކުރުމުގައި ކައުންސިލްތަކަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިކަމާއި، އެފަދަ ދަތިތަކަކީ ޤާނޫނަށް އިޞްލާހު ގެނެސްގެން ޙައްލުކުރެވިދާނެ ދަތިތަކެއް ކަމުގައިވާނަމަ، ޤާނޫނު އިޞްލާޙުކުރުމަށް ފެނިވަޑައިގަންނަވާ ގޮތެއް މި އޮތޯރިޓީއަށް ހުށަހެޅުއްވުމުގެ ފުރުސަތު 2019 ޖަނަވަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށްވަނީ ހުޅުވާލެވިފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް  މަސައްކަތް ރޭވިފައިވަނީ ފުރަތަމަ ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއި، ލޯކަލް ކައުންސިލްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އެނޫންވެސް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެފަރާތްތަކުގެ ޚިޔާލު ހޯދުމުގެ އިތުރުން ރައްޔިތުންގެވެސް ޚިޔާލު ހޯދުމަށްފަހު ލިބޭ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު: 2010/7 އަށް އިޞްލާޙު ގެނައުމަށްޓަކައި ކަމާގުޅޭ ބިލެއްގެ ދެލިކޮޕީ އެކުލަވާލައި އެ ބިލުގެ ދެލިކޮޕީއާމެދު ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންގެ ޚިޔާލު ހޯދައި، އެ ދެލިކޮޕީ އިތުރަށް ފުރިހަމަކުރުމަށްފަހު، ރައްޔިތުންގެ މަޖިލިހަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށައަޅައިގެންނެވެ.