އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ބޭނުން ކުރުން މިއަދުން ފެށިގެން ހުއްޓާލައިފި


06 Feb 2019

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ބޭނުން ކުރުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

ޕްލާސްޓިކް ފުޅިއާއި ކޮތަޅު މަދުކުރުމަށް ޤައުމީ ފެންވަރުގައި ކެމްޕެއިނެއް ފެށުމަކީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ  ޕްލާސްޓިކް ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ބޭނުންކުރުން މަދުކުރުމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އޮތޯރިޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބުދުﷲ  ވިދާޅުވީ އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުކުރުމުގެ މިކެންޕެއިންގައި އޮތޯރިޓީގެ މުވައްޒަފުންގެ ކިބައިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާކަމަށާއި އާންމު ދިރިއުޅުމުގައިވެސް މިކަމަށް ޚާއްސަ ސަމާލުކަމަށްދެއްވުމަށް އިލްތިމާސްކުރެއްވިއެވެ. 

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ބޭނުންކުރުން ހުއްޓާލުމުގެ ހަފްލާ އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން އޮތޯރިޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބުދުﷲ ވަނީ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅިއާއި އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރާ ކޮތަޅު ހަދިޔާކުރައްވާފައެވެ.

މި ހަފްލާ އިފުތިތާޙް ކުރުމުގެކުރީން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް އޮތޯރިޓީގެ މުވައްޒަފުން ހޭލުންތެރިކުރުމަށާއި، ޕްލާސްޓިކުން ދުނިޔޭގެ ދިރުންތަކަށް ލިބޭގެއްލުންތަކާއި ގުޅޭގޮތުން އެވެއާނަސް ސެޝަނެއްވަނީ ކުރިއަށް ގެންދެވިފައެވެ. މި ސެޝަންގައި މުވައްޒަފުންވަނީ މީގެ ފަހުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ  ޕްލާސްޓިކްގެ ބާވަތްތައްކަމަށްވާ ޕްލާސްޓިކް ފުޅި، ޕްލާސްޓިކް ކޮތަޅު، ކިއްލި އަދި ސްޕާރީޕަކެޓް ފަދަތަކެތި އޮފީހުގައި ބޭނުންކުރުން ހުއްޓާލުމަށް ނިންމާފައިވެއެވެ.