ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށިގެން ކުރިޔަށްދަނީ


24 Feb 2019

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 8 އަހަރު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް މިއޮތޯރިޓީން ވަނީ ރާވާފައެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަސް މިއޮތޯރިޓީން ފާހަގަ ކުރަމުންދަނީ ލާމަރުކަޒީ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ވަނީ އާއިލީ ހަވީރެއް ރަސްފަންނުގައި ކުރިޔަށްގެންގޮސްފައެވެ. މިއާއިލީ ހަވީރުގެ މަޤްޞަދަކީ ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ޢާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ކުޑަކުދިންނަށް ކުޅިވަރުކުޅެވޭނެ ފަދަ އުފާވެރި މާޙައުލެއް ޤާއިމުކޮށްދިނުމެވެ. މިކުޑަކުދިންގެ ހަވީރުގައި އޮތޯރިޓީގެ ފަރާތުން ޖުމްލަ 7 ސްޓޯލާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ޑިފެންސް ފޯސްގެ ސްޓޯލެއް ބެހެއްޓުނެވެ.

ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ހަރާކާތްތަކުގެ ތެރެއިން މިއަދު ކުރިޔަށްދާ ހަރަކާތަކީ މިއޮތޯރިޓީގެ ކުރިމަތީގައި ހެނދުނު 8:00 ން ހަވީރު 15:00 އަށް ޑެސްކް ބަހައްޓައިގެން ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، މިނިޒާމަށް އާންމުން ހޭލުންތެރިކުރުމަށް ކުރިޔަށްގެންދާ ހަރަކާތެވެ. މި ހަރަކާތް ބައެއްކައުންސިލްތަކުން ރައްރަށުގައި ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ލާމަރުކަޒީ ދުވަސްކަމަށްވާ 26 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހު ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މިއޮތޯރިޓީގެ ރައީސް މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޙް ޢިމްރާން ޢަބްދުﷲ ޓީވީ މެދުވެރިކޮށް ދުވަހާ ގުޅޭ ޙިތޯބެއް ދެއްވުމާއި، ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2017 ގެ ނަތީޖާ އިޢުލާންކުރުމާއި އަދި އާންމުންނަށް ހުޅުވާލައިގެން ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި އެރޭގެ 9:00 އިން 10:00 އަށް ޕަބްލިކް ފޯރަމެއް ކުރިޔަށް ގެންދިޔުމަށްވަނީ ރޭވިފައެވެ. 'ލާމަރުކަޒުކުރުން' މިމައުޟޫއަށް ޢާންމުންނާއި ޔުނިވަރސިޓީ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިފޯރަމްގައި މިދާއިރާގެ 4 ތަޖުރިބާކާރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ މައުލޫމާތު ދެއްވާނެއެވެ.  މި ފޯރަމް ޓީވީއެމްއިންނާއި ވީޓީވީއިން  ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ. 

އަދި މީގެ އިތުރުން ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ސްކޫލްތަކުގެ ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެވެއަރނެސް ސެޝަންތަކެއް ކުރިޔަށްގެންދިޔުމާއި މި އޮތޯރިޓީގެ މުވައްޒަފުން މި ނިޒާމަށް އަހުލުވެރިކޮށް މުވައްޒަފުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ މަޤުސަދުގައި ކުއިޒެއް ކުރިޔަށް ގެންދިޔުމަށްވަނީ  ހަމަޖެހިފައެވެ.