ހައްދުންމަތީ އިސްދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


06 Nov 2019

ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެކަށޭނަ މަސައްކަތު މާހައުލެއް ކަށަވަރުކުރުމަށްޓަކައި ކައުންސިލްތަކުގެ އިދާރާތަކުގެ އާބާތުރަ ފިލުވައި، އިދާރާތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހައްދުންމަތީ އިސްދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ޔުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރަންނާ މާލަމްގައި 6 ނޮވެމްބަރ 2019 (މިއަދު) ކުރިޔަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤް މަޙްމޫދެވެ. އަދި ޔުނި އިންޖިނިއަރިންގ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބުރާހީމް އިޒުހާނެވެ. 285 ދުވަހުގެ ތެރޭގައި ނިންމުމަށް ޔުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަޝްރޫޢުގެ އަގަކީ 4.5 މިލިޔަން ރުފިޔާއެވެ.

މި އެއްބަސްވުމުގެ ދަށުން ލ. އިސްދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައި ޢިމާރާތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި މީޓިން ރޫމް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށުގެ އިޖުތިމާޢީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ޖާގައަކާއި މުވައްޒަފުން ނަށްބޭނުންވާ އިތުރު ވަސީލަތްތައްވެސް މި ޢިމާރާތުގައި ހަމަޖެހިފައި ހުންނާނެއެވެ.