"ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ އެއްބަސްވުމުގައި ޕީ.އެސް.އެމް އާއި އެކު އެލް.ޖީ.އޭ އިން ސޮއިކޮށްފި

03 ސެޕްޓެމްބަރު 2025

ރަށްރަށުގެ ކާމިޔާބީ ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ މަޤްސަދުގައި ޕަބްލިކް ސާވިސް މީޑިއާ އިން މޯލްޑިވްސް ޓީވީ ބްރޭންޑްގެ ދަށުން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ އެއްބަސްވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އާއި އެކު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެލް.ޖީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޝައްމޫން އާދަމް، އަދި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ޔާމީނެވެ.
"ޗާލު ދިވެހިރާއްޖެ އެވޯޑް" އަކީ ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ތަޢާރަފްކުރެވުނު އެވޯޑެކެވެ.
މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ހަތް ކެޓަގަރީއަކުންނެވެ:
-       އެންމެ ރީތި ގޮނޑުދޮށް
-       އެންމެ އެކުވެރި މުޖުތަމަޢު
-       ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
-       ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
-       ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް
-       އެންމެ ހިތްގައިމު ރަށު މަންޒިލް
-       އަހަރުގެ އެންމެ ޗާލު ރަށް
ޗާލު ދިވެހިރާއްޖެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު 10 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ޕީ.އެސް.އެމް އިން މިހާރު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ހުށައެޅޭނީ http://psm.mv/chaalu_award މެދުވެރިކޮށެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް