ލޯކަލްގަވަރމަންޓް
އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ
ކޮމިޓީގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މިއަދު
ހެނދުނު ފެށިގެން ކުރިއަށް އެބަދެއެވެ. މި އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްޤު
ލިބިގެންވަނީ ރަށު ކައުންސިލްތަކުގެ މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް
މަސައްކަތްކުރާ ކޮމިޓީގެ ރައީސުންނަށެވެ. ރަށު ކައުންސިލްތަކުގެ މެމްބަރުންގެ
އަދަދަކީ 625 އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ
ރައީސުންގެ އަދަދަކީ 182 އެވެ.
މި
އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ 19 ވޯޓު ފޮށި މާލެއާއި އަތޮޅު ތެރޭގައި
ބެހެއްޓިފައިވެއެވެ. އަދި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 10:00 ފެށިގެން
ހަވީރު 4:00 އަށެވެ.
ލާމަރުކަޒީ
ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ފަރާތުން އޮތޯރިޓީގެ ބޯޑުގައި
ތަމްސީލު ކުރައްވާނެ ފަރާތެއް ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލެއްވީ
ހޮވަންޖެހޭ އަދަދަށް، އެއް ބޭފުޅެއްކަމަށްވާތީ އިންތީޚާބީ އުސޫލާއެއްގޮތަށް
އެބޭފުޅާ މިހާރުވަނީ އިންތިޚާބު ކުރެވިފައެވެ. ސިޓީ ކައުންސިލްތަކުގެ ފަރާތުން
އެލް.ޖީ.އޭ ގެ ބޯޑަށް އިންތިޚާބުވެފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ
މުޙައްމަދު އާޠިފެވެ.