ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.ކ)ތަކުގެ
5 ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން މަޤާމަށް އަހުލުވެރިކުރުމަށްޓަކައި،
"ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން
މަޤާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް 2026" ގެ ނަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ
(އެލް.ޖީ.އޭ) އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމް، 2026 މޭ 14 ވަނަ ދުވަހު ކާމިޔާބުކަމާއެކު
ނިންމާލައިފިއެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ އައު ދައުރަކަށް އިންތިޚާބުކުރެވުނު ކައުންސިލަރުންނާއި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުވައި،
ކައުންސިލަރުން އަދި އ.ތ.މ.ކގެ މެންބަރުންގެ ދައުރާއި ޒިންމާއާއި މަސްއޫލިއްޔަތުތައް
އަންގައިދީ، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ކައުންސިލްތަކާއި އ.ތ.މ.ކތަކުގެ
ހިންގުން ހަރުދަނާކުރުމަށް އެކި ދާއިރާތަކުން ބޭނުންވާ މުހިއްމު މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
އެލް.ޖީ.އޭ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ)
ގުޅިގެން، 2026 މޭ 10 އިން 14 އަށް 5 ދުވަހުގެ މުއްދަތަށް، ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް
އަމާޒުކޮށްފައިވަނީ، މުޅިން އަލަށް ކައުންސިލްތަކާއި އ.ތ.މ.ކތަކަށް އިންތިޚާބުވި މެންބަރުންނަށެވެ.
އެހެންނަމަވެސް ކައުންސިލްތަކާއި އ.ތ.މ.ކަތަކުގެ އެންމެހައި އިންތިޚާބީ މެންބަރުންނަށާއި، ސެކްރެޓަރީ ޖެނެރަލުންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން، ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމުގެ
ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތަކަށް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު
ދީފައިވެއެވެ. މިގޮތުން 174 ކައުންސިލާއި، 166 އ.ތ.މ.ކ.ގެ ފަރާތުން މި ޕްރޮގްރާމްގައި
ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ސެކްރެޓަރީ ޖެނެރަލުންނާއި އިދާރީ މުވައްޒަފުންގެ
ތެރެއިން 74 ބޭފުޅުންވެސް މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ބަޖެޓުގެ ދަތިކަމުގެ ސަބަބުން އޮންލައިންކޮށް މި ޕްރޮގްރާމް ކުރިއަށްގެންދިޔަ
ނަމަވެސް، ބައިވެރިން ނިސްބަތްވާ ކައުންސިލަކަށް ވަޑައިގެން، ކައުންސިލް އަދި އ.ތ.މ.ކގެ
އެހެން މެންބަރުންނާއެކު ޕްރޮގްރާމްގައި ބައިވެރިވުމުގެ އިދާރީ އިންތިޒާމް ކައުންސިލްތަކުން
ވަނީ ހަމަޖައްސައިދީފައެވެ. މިގޮތަށް ކައުންސިލް އަދި އ.ތ.މ.ކގެ މެންބަރުން އެއް
ތަނަކުން ޕްރޮގްރާމްގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައި އޮތުމުން،
ތަމްރީނުގެ ސެޝަންތަކުގައި ފޯރުކޮށްދެވުނު މައުލޫމާތާމެދު، ޓީމެއްގެ ގޮތުގައި
މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. ޕްރޮގްރާމް
އިތުރަށް ފުރިހަމަކުރުމާ ގުޅޭގޮތުން ބައިވެރިން ހިއްސާކޮށްފައިވާ ޚިޔާލުތަކުގެ
ތެރެއިންވެސް އެންމެ ގިނަ ޢަދަދަކަށް ބައިވެރިން ފާހަގަކޮށްފައިވަނީ،
އޮރިއެންޓޭޝަން ޕްރޮގްރާމް "ފޭސްޓު-ފޭސް" ޕްރޮގްރާމެއްގެ ގޮތުގައި
ކުރިއަށްގެންދިޔުންކަން ފާހަގަކުރެވެއެވެ.
އެހެން ދައުރުތަކާ ޚިލާފަށް، 5 ވަނަ ދައުރުގެ އިންތިޚާބީ ކައުންސިލްތަކާއި
އ.ތ.މ.ކތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމުގެ މި ޕްރޮގްރާމް ކުރިއަށް
ގެންގޮސްފައިވަނީ، އެ ބޭފުޅުން މަޤާމުގެ ހުވާކުރުމުގެ ކުރިންނެވެ. 2026 މޭ 17 ވަނަ
ދުވަހު، އެ ބޭފުޅުން މަޤާމުގެ ހުވާކުރައްވާނީ، އެ ބޭފުޅުންގެ މަޤާމުގެ
މަސްއޫލިއްޔަތުތައް ފުރިހަމައަށް އެނގިވަޑައިގެން ތިއްބަވައިގެންނެވެ. އެގޮތުން މި
ޕްރޮގްރާމްގެ ސެޝަންތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމާއި، ނިޒާމުގެ
ޤާނޫނީ އޮނިގަނޑާއި، ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، ކައުންސިލަރުންގެ
ދައުރާއި، ތަރައްޤީއަށް ރޭވުމާއި، ރައްޔިތުންގެ ބައިވެރިވުން ހޯދުމާއި،
ކައުންސިލްގެ އިދާރީ ހިންގުމާއި، މާލީ އިންތިޒާމްތަކާއި، މައުލޫމާތު ހޯދާ
ލިބިގަތުމުގެ ޙައްޤާއި، ޑިޖިޓަލް ގަވަރނަންސްއާއި، ޕަރފޯމަންސް މެނޭޖްމަންޓް
ނިޒާމާއި، ހެޔޮ ހިންގުމާގުޅޭ މުހިއްމު މަޢުލޫމާތު، އެލް.ޖީ.އޭ، ސިވިލް ސަރވިސް
ކޮމިޝަން އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ފޯރުކޮށްދީފައިވެއެވެ.
އަދި ޕްރޮގްރާމްގެ ކުރިއަށްދިޔަ ގަޑިތަކުގައި، އެމް.އައި.އެލް.ޖީ ޓީމުގެ ފަރާތުން
ބައިވެރިންގެ ސުވާލުތަކަށް އޮންލައިންކޮށް ޖަވާބުދިނުމުގެ އިތުރަށް، ކޮންމެ
ދުވަހެއްގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކަށްފަހު، އިތުރު ސުވާލުތަކަށް
ޖަވާބުދިނުމަށް ވަކި ސެޝަނެއް ހާއްސަކޮށްފައިވެސްވެއެވެ.