ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް މެއި 10 ގައި ފަށަނީ އައު

07 މޭ 2026

ކައުންސިލްތަކުގެ އައު ދައުރަކަށް އަލަށް އިންތިޚާބު ކުރެވުނު ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމަށް ބާއްވާ 'އޮރިއެންޓޭޝަން ޕްރޮގްރާމް' 2026 މެއި 10 އިން 14 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބުކުރެވުނު ހުރިހާ ކައުންސިލަރުންނާއި އ.ތ.މ ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. މިފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް 5 ދުވަހުގެ މުއްދަތަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އައު ދައުރަށް އިންތިޚާބުވި މެންބަރުން މަޤާމުގެ ޒިންމާތަކަށް އަހުލުވެރިކުރުވުމެވެ. އެގޮތުން ކައުންސިލަރުންގެ ދައުރާއި، ޒިންމާތަކާއި، އަދި މަސްއޫލިއްޔަތުތައް އޮޅުންފިލުވައިދީ، މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް މި ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.
ކުރީ އަހަރުތަކާ ޚިލާފަށް މިފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދެވިގެންދާނީ ކައުންސިލަރުން އަދި އ.ތ.މ ކޮމިޓީގެ މެންބަރުން މަޤާމުގެ ހުވާކުރުމުގެ ކުރިންނެވެ. މީގެ ކުރިން މިފަދަ އޮރިއެންޓޭޝަން ޕްރޮގްރާމްތައް ބޭއްވިގެން ދިޔައީ މެންބަރުން މަޤާމުގެ ހުވާކުރުމަށް ފަހުގައެވެ. މި ބަދަލާއެކު، މެންބަރުން މަޤާމާ ހަވާލުވާއިރު އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކަށް ފުރިހަމައަށް ތައްޔާރުވެފައި ތިބުމަށް މަގުފަހިވެގެންދާނެއެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ މުވައްޒަފުންގެ އިތުރުން، ދައުލަތުގެ ކަމާ ގުޅުންހުރި އެކި އިދާރާތަކުގެ ފަންނީ މުވައްޒަފުން މެދުވެރިކޮށެވެ.  
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް