މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް
(އެމް.އައި.އެލް.ޖީ) އާއި، އެލް.ޖީ.އޭ ކްލަބް އަދި ހުރާ ކައުންސިލް ގުޅިގެން 15
އޯގަސްޓް 2025 ގައި ކ. ހުރާގައި އެއްދުވަހުގެ މުވައްޒަފުން ތަމްރީނުކުރުމުގެ
ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމުގައި 25
މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގެ މުހިންމު ހުނަރުތައް
ވަރުގަދަކުރުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. އެކުވެރިކަމާއެކު ކުރިއަށްގެންދެވުނު
ޓީމް މަސައްކަތްތަކުގެ ތެރެއިން، ބައިވެރިންގެ މެދުގައި މުޢާމަލާތްކުރުމުގެ ހުނަރު
އިތުރުކޮށް، އިތުބާރު ބިނާކޮށް، އެހެން މީހުންނަށް އޯގާތެރިވުމާއި، މުއައްސަސާގެ
ތެރޭގައި ޓީމްވޯކާއި އެއްބައިވަންތަކަން އިތުރުކުރުމަށް މަގުފަހިކޮށްދިނެވެ. މި
ހަރަކާތްތަކުން އެއް އަމާޒަކަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ
މުހިންމުކަމާއި، ތަފާތު ޚިޔާލުތަކަށް އިޙްތިރާމްކުރުމާއި، އެކަކު އަނެކަކަށް އެއްބާރުލުން
ދިނުމާއި އެކުވެރި މާހައުލެއް އުފެއްދުމުގެ މުހިންމުކަން ދަސްކޮށްދެވިގެންދިޔައެވެ.
ވަޒީފާގެ މާހައުލުގެ އިތުރުން، މި ޕްރޮގްރާމުން އޮފީސް މާހައުލުން
ބޭރުގައިވެސް އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާ ގުޅުން ބަދަހިކުރުމުގެ
މުހިންމުކަން ފާހަގަކޮށްދީފައިވެއެވެ. މި ޕްރޮގްރާމުން މުވައްޒަފުންނަށް މާނަހުރި
ގުޅުންތައް ބިނާކުރުމަށާއި، ވަކިވަކި ފަރުދުންގެ ތަފާތުތަކަށް
އިޙްތިރާމްކުރުމަށާއި، މުއައްސަސާގެ ތެރޭގައި އެކުވެރިކަމުގެ ރޫޙު އާލާކުރުމަށް
ފުރުޞަތު ހޯދައިދިނެވެ.