ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިޚާބުވި މެންބަރުން މަޤާމުގެ
ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކަށް
އިންތިޚާބުވި މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް މިއަދު ފަށައިފިއެވެ.
މި ރަސްމިއްޔާތުތައް ރާއްޖޭގެ ގިނަ ރަށްރަށުގައި މިއަދު ހެނދުނު 9:00 އިން
ފެށިގެން ކުރިއަށްދާއިރު، ބައެއް ސިޓީތަކާއި ރަށްރަށުގައި މި ރަސްމިއްޔާތުތައް
މިއަދުގެ އެކި ގަޑިތަކުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުންނަށް މަޤާމުގެ ހުވާ
ލައިދެއްވާނީ އެ ރަށަކަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރެއް ނުވަތަ ޤާޟީއެކެވެ.
ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެންބަރުން ހުވާކުރުމާއި، އެ ސިޓީތަކުގެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިޤުރާރުގައި
ސޮއިކުރުންވެސް މިއަދުގެ ވަގުތުތަކުގައި ކުރިއަށްދާނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި ޖުމްލަ 678 ކައުންސިލަރުން
އިންތިޚާބު ކުރަންޖެހޭއިރު، މިހާތަނަށް އިންތިޚާބު ކުރެވިފައިވަނީ 677
ކައުންސިލަރުންނެވެ. މީގެ ތެރެއިން މިއަދު (17 މޭ 2026) ހުވާކުރުމަށް
ހަމަޖެހިފައިވަނީ 676 ކައުންސިލަރުންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތަފްސީލަށް ބަލާއިރު،
ޖުމްލަ 678 މެންބަރުން އިންތިޚާބު ކުރަންޖެހޭއިރު، އިންތިޚާބު ކުރެވިފައިވަނީ 673
މެންބަރުންނެވެ. މީގެ ތެރެއިން މިއަދު އިޤުރާރުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ
662 މެންބަރުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް
ފެށިގެންދާނީ މިއަދު ހުވާކުރުމުގެ ރަސްމިއްޔާތުތަކަށް ފަހުގައެވެ.