ރ.
އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ވިޔަ ޕޯޓަލް އަދި ލޯކަލް
ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމާއި ގުޅޭ ތަމްރީނު ޕްރޮގުރާމެއް
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އާއި އޮޑިޓަރ ޖެނެރަލް އޮފީސް
އަދި ރ. އަތޮޅު ކައުންސިލް ގުޅިގެން އޮގަސްޓު 31 އިން ސެޕްޓެމްބަރު 3 އަށް ރ. އުނގޫފާރުގައި
ކުރިއަށް ގެންގޮސްފިއެވެ. މި ތަމްރީނުގެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވާފައި
ވަނީ އެމް.އައި.އެލް.ޖީ އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންނެވެ.
މި
ތަމްރީން ޕްރޮގްރާމްގެ މަޤުސަދަކީ ވިޔަ ޕޯޓަލް ބޭނުންކުރުމަށާއި ކައުންސިލްތަކުގެ
މާލީ ބަޔާންތައް ތައްޔާރުކުރުމަށް ކައުންސިލްތަކުގެ މުވައްޒަފުންގެ ފަންނީ
ޤާބިލްކަން އިތުރު ކުރުމެވެ.
މި ޕްރޮގްރާމްގައި
ވިޔަ ޕޯޓަލް ބޭނުންކުރުމަށް އަހުލުވެރިކުރުމަށް ތަމްރީނުވަނީ ދެވިފައެވެ. އެގޮތުން
ކައުންސިލުން ފާސްކުރާ ބަޖެޓް ވިޔަ ޕޯޓަލް އަށް އެންޓަރކޮށް އެޕްރޫވްކުރުމާއި، ކައުންސިލްތަކުން
މުދަލާއި ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ކަންކަން ޕޯޓަލްގެ ތެރެއިން ކުރާނެގޮތާއި އަދި
ހޯދާ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކުމުގެ މަސައްކަތްތައް ކުރާނެގޮތް ހިމެނެއެވެ.
މީގެ އިތުރުން ކައުންސިލަށް ލިބޭ އާމްދަނީގެ ދަފްތަރު ބެލެހެއްޓުމާ އާމްދަނީ ބަލައިގަތުމުގެ
އިތުރުން ހަރުމުދަލުގެ ރަޖިސްޓްރީ ބަލަހައްޓާނެގޮތް ހިމެނިފައިވެއެވެ.
މީގެ
އިތުރުން ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމާ ގުޅޭ ގޮތުން، އިންޓަރނޭޝަނަލް
ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑާރޑް އަންޑާރ ދި ކޭޝް ބޭސިސް އެކުލެވިގެންވާ
ގޮތާއި، ކައުންސިލްތަކުގެ ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނާއި، ފާސްކުރި
ބަޖެޓާއި އެ ބަޖެޓުން ހޭދަކުރި ގޮތުގެ ބަޔާނާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ
ބަޔާނާއި އަދި ދެންނެވުނު ބަޔާންތަކުގެ ނޯޓުތަކާއި ތަފްސީލް ބަޔާންކުރާނެގޮތްވެސް ވަނީ
ބައިވެރިންނަށް ކިޔައިދީފައެވެ.
މި
ތަމްރީނު ޕްރޮގްރާމްގައި ރ. އަތޮޅުގެ، އަތޮޅު އަދި ރަށު ކައުންސިލްގެ މުވައްޒަފުން
ހިމެނޭހެން، ޖުމްލަ 29 ފަރާތަކުން ބައިވެރިވެފައިވެއެވެ. 4 ދުވަހުގެ މުއްދަތަށް
ކުރިޔަށް ގެންދެވުނު މި ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ބައިވެރިވިކަމުގެ
ސެޓްފިކެޓް ވެސް ވަނީ ދެވިފައެވެ.