ތިލަދުންމަތީ ދެކުނުބުރީ
ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް، 14 މެއި 2026 ގައި ހުޅުވައިފިއެވެ.
މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް
އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ނިމާލް އާއި ހދ.ކުރިނބީ ކައުންސިލްގެ
ރައީސް އަލްފާޟިލް ޢަބްދުﷲ އަސްލަމް އެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ
އިސް ބޭފުޅުންގެ އިތުރުން، ކުރިނބީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް
މެންބަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
މެންބަރުންނާއި، ކުރިޔަށް އޮތް 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު
ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ
މެންބަރުންނާއި، ހދ އަތޮޅު ކައުންސިލްގެ ރައީސް އާއި، ރަށުގެ އިދާރާތަކުގެ
އިސްވެރިންނާއި، ރަށަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރީން މި
ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
ހދ.ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ މި އޮތޯރިޓީގެ
ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން
ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއަށް، ފަރުނީޗަރު ހިމަނައިގެން ޖުމުލަ 5,993,392.48 ރ (ފަސް މިލިޔަން
ނުވަ ލައްކަ ނުވަދިހަ ތިންހާސް ތިން ސަތޭކަ ނުވަދިހަ ދެ ރުފިޔާ ސާޅީސް އަށް ލާރި)
މި އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްފައިވެއެވެ.
މި އިމާރާތް ކުރުމަށް ކޮންޓްރެކްގައި
ސޮއި ކުރެވިފައިވަނީ 12 ސެޕްޓެމްބަރ 2023 ގައެވެ. މި މަޝްރޫއުގެ މަސައްކަތް
ނިންމާލެވިފައިވަނީ 09 މެއި 2026 ގައެވެ. މި މަޝްރޫޢުގެ
އަމަލީ މަސައްކަތުގެ 98 އިންސައްތަ ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.
މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައެވެ.
ހދ. ކުރިނބީ ކައުންސިލުން
ފާހަގަކުރެއްވި ގޮތުގައި، ރަށު ފެންވަރުގައި ރައްޔިތުންނަށް ޚިދުމަތް
ފޯރުކޮށްދިނުމުގައި ކުރިން ބޭނުން ކުރަމުންދިޔަ އިމާރާތަކީ 32 އަހަރަށް ވުރެ ގިނަ
ދުވަސްވެފައިވާ، ޖާގައިގެ ގޮތުން ދަތި، ވަސީލަތްތައް މަދު، އިމާރާތެކެވެ. މިކަމުގެ
ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތަކަކާ
ކުރިމަތިލާންޖެހި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޒަމާނީ ބަދަލުތަކާއެކު
އާ ޚިދުމަތްތައް ތަޢާރަފްކުރުމަށް ވަނީ ނުހަނު ބޮޑަށް ހުރަސްއެޅިފައެވެ.
ނަމަވެސް، އަލަށް މި ބިނާކުރެވުނު
ކައުންސިލް އިދާރާއަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު އަދި ޖާގައިގެ
ގޮތުން ތަނަވަސް، މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ހިތްހަމަޖެހުމާއެކު
މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވާ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު
އިތުރަށް ހަރުދަނާވެ ރަނގަޅުވެގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.
މިއީ ހދ. ކުރިނބީގެ ރައްޔިތުން
އެތައް އަހަރެއް ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔަ
ތާރީޚީ ދުވަހެކެވެ. މި އައު އިދާރާގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތް
ފޯރުކޮށްދިނުމުގައި ކުރިން ދިމާވި ދަތިތަކަށް އެދެވޭ، އަދި ދާއިމީ ހައްލެއް
ލިބިގެންދާނެކަން ކަށަވަރެވެ.