"ފާދިއްޕޮޅު އެވޯޑްސް 2023" އެލްޖީއޭގެ ސީއީއޯ ޝަރަފުވެރިކޮށްދެއްވައިފި.


12 Mar 2024

"ފާދިއްޕޮޅު އެވޯޑްސް 2023" މާރިޗު 08 ވީ ހުކުރުދުވަހުގެ ރޭ ޅ.ނައިފަރުގައި ބާއްވައިފިއެވެ. މި އޮތޯރިޓީގެ ސީއީއޯ ޑރ.މަރްޔަމް ޒުލްފާ ޝަރަފްވެރިކުރެއްވި މި ރަސްމިއްޔާތުގައި ފާދިއްޕޮޅު އަތޮޅުގެ ނަމޫނާ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތައް، އަދި އަމިއްލަ ފަރުދުން ކޮށްދެއްވައިފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށްޓަކައި ހާއްސަ އެވޯޑުތަކެއް ވަނީ އެ ފަރާތްތަކަށް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ސީއީއޯ ވަނީ ވަކިން ހާއްސަކޮށް ޅ.ކުރެންދޫ ކައުންސިލަށާއި އަދި އަމިއްލަ ފަރުދުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ތައުރީފުކުރައްވައި، ކުރެނ ދޫ ކައުންސިލަކީ ނަމޫނާ ކައުންސިލެއްކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެލްޖީއޭއިން ކުރަމުން އަންނަ މަސައްކަތްތަކަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދޭ އެއްބާރުލުން ފާހަގަކުރައްވައި، އެ ކައުންސިލުން އަތޮޅުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްޤީއާއި، ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދެން ކުރައްވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަންހެނުންގެ ދައުރު ހަރުދަނާކުރުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތްތަކަށް އެ އަތޮޅުން ދެއްވާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.