ނ.މިލަދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް ގާއިމުކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފި


16 Jul 2023

ނ.މިލަދޫ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް ވޯލްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއޮތޯރިޓީގެ ރަންނާ މާލަމްގައި މިއަދު ކުރިޔަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޮތޯރިޓީގެ ހިންގުމާ ހަވާލުވެ ހުންނެވި ޑިޜެކްޓަރ ޖެނެރަލް ޝަންމޫން އާދަމެވެ. އަދި ވޯލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަފާފް ސައީދެވެ. މިރަސްމިއްޔާތުގައި ކައުންސިލުން އޮންލައިންކޮށް ބައިވެރިވިއެވެ. 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވޯލްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަޝްރޫޢުގެ އަގަކީ 7,239,837.93 (ހަތް މިލިޔަން ދެލައްކަ ތިރީސް ނުވަހާސް އަށް ސަތޭކަ ތިރީސް ހަތް ރުފިޔާ ނުވަދިހަ ތިންލާރި) އެވެ. މި މަޝްރޫއަކީ އިންޑިޔާ ސަރުކާރުގެ ހިލޭއެހީއާއި، ދިވެހި ދައުލަތުގެ ބަޖެޓުން ކުރިޔަށްގެންދާ މަޝްރޫއުކެވެ.

މަޝްރޫއުގެ ދަށުން ގާއިމުކުރާ ޢިމާރާތުގައި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި މީޓިން ރޫމް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށުގެ އިޖުތިމާޢީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ޖާގައަކާއި މުވައްޒަފުންނަށް ބޭނުންވާ އިތުރު ވަސީލަތްތައްވެސް މި ޢިމާރާތުގައި ހަމަޖެހިފައި ހުންނާނެއެވެ.

2011 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުރިން ބޭނުންކުރި ޢިމާރާތް އެނދުމުގެ ސަބަބުން ފާއިތުވެ ދިޔަ 12 އަހަރު ނ.މިލަދޫ ކައުންސިލްގެ އިދާރާ ހިނގަމުންދަނީ ކުއްޔަށް ޢިމާރާތެއް ހިފައިގެންނެވެ.