އުތުރުގެ އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށްގެން "ފަނޯއްލަ ދަރުބާރު" ހދ.ހަނިމާދޫގައި ކުރިޔަށް ގެންގޮސްފި


30 Apr 2024

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއި ޔޫއެންޑީޕީ މޯލްޑިވްސް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން އުތުރުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން "ފަނޯއްލަ ދަރުބާރު"ގެ ނަމުގައި ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމުގެ މަހާސިންތާއެއް ކުރިޔަށް ގެންގޮސްފިއެވެ. މިއީ ފަނޯއްލަ ދަރުބާރުގެ ނަމުގައި 2021 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދެވޭ މިމަހާސިންތާ ބޭއްވިގެންދާ 6 ވަނަ ފަހަރެވެ. އޭޕްރިލްމަހުގެ 24 އިން 25 އަށް ހދ.ހަނިމާދޫގައި ކުރިޔަށް ގެންދިޔަ މިމަހާސިންތާގެ މައިގަނޑު މަގްޞަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އަތޮޅު ކައުންސިލްތަކާއި އެހެނިހެން ވުޒާރާތައް ބައްދަލުކޮށް ޚިޔާލު ބަދަލުކުރުމެވެ.

މިދަރުބާރުގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ އިތުރުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް އުމަރު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް، ލޭންޑްސީ މޯލްޑިވްސް، ސިވިލް ސާރވިސް ކޮމިޝަން، މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް ޕޯސްޓް އަދި ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބައިވެރިވެފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދެވުނު މަހާސިންތާގައި ޖުމްލަ ގޮތެއްގައި މަޝްވަރާކުރެވިގެން ދިޔައީ 3 ދާއިރާއެއްގެ މައްޗަށްށެވެ. މިގޮތުން ފަނޯއްލަ ދަރުބާރުގެ ފުރަތަމަ ދުވަހު މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ވަސީލަތްތައް ހޯދައިދިނުމާއި ކައުންސިލްތަށް މާލީގޮތުން ބާރުވެރިކުރުމަށް ދިމާވާ ދަތިތަށް ހައްލުކުރުމާއި ބެހޭގޮތުންނެވެ. އެގޮތުން ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް ކައުންސިލްތަކުގެ މާލީ ނަފާވެރިކަން އިތުރުކުރުމަށް ކުރެވޭނެ ތަފާތު ކަންކަމާ ބެހޭގޮތުން ކައުންސިލްތަކުގެ ފަރާތުން މަޝްވަރާކުރެވި ހުށަހަޅުއްވާލާފައިވެއެވެ. އަދި މީގެއިތުރުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީ ބެހުމަށް ހަމަޖެހިފައިވާ ބްލޮކް ގްރާންޓް ފޯމިއުލަރ އާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިގެންދިޔައެވެ. އަދި ފުރަތަމަ ދުވަސް ނިންމާލެވިގެން ދިޔައީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްޤީކުރުމާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތާއި، ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާއަށް ފަހުއެވެ.

 

އަދި މިމަހާސިންތާގެ ދެވަނަ ދުވަސް ފެށިގެންދިޔައީ މޯލްޑިވްސް ޕޯސްޓުގެ ކޮމިއުނިޓީ އޮންލައިން ޝޮޕް މެދުވެރިކޮށް ލޯކަލް ކޮމިޔުނިޓީތަކުން ފަރުދުންނަށް އާމުދަނީ ހޯދިދާނެ ފުރުސަތުތަށް ކިޔައިދިނުމަށް ކުރިޔަށްގެންދެވުނު ސެޝަނުންނެވެ. މީގެ އިތުރުން މިދުވަހުގެ މަހާސިންތާގައި މައިގަނޑުގޮތެއްގައި ވާހަކަދެކެވިފައިވަނީ ކައުންސިލްގެ އިދާރީ ހިންގުމުގައި ދިމާވާ ދަތިތައް ބަޔާންކޮށް އެދަތިތަށް ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުންނެވެ. އެގޮތުން އިދާރީ ދާއިރާތަކުގައި ހުރި ގޮންޖެހުންތަކާއި އެކަމުގެ ޙައްލާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި ދާއިރާތަކާއި ގުޅޭހެން ހައްލުތައް ބިނާކޮށް ޕްރެޒެންކުރެވިގެންދިޔައެވެ. އަދި މީގެއިތުރުން މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަންއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންއެއްވެސް ކުރިޔަށްގެންދެވުނެވެ. ހަމައެގޮތުން އިދާރީ ދާއިރާތަކުގައި ހުރި ގޮންޖެހުންތަކާއި އެކަމުގެ ޙައްލާ ގުޅޭގޮތުން ތައްޔާރުކުރި އެކްޝަން ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތްކުރިޔަށްގެންދެވުނެވެ. އަދި މި މަހާސިންތާ ނިމިގެންދިޔައީ މަޝްވަރާކޮށް ހުށަހެޅި ކަންތައްތައް ބައިވެރިންގެ މެދުގައި ފައިނަލްކޮށް އެކަން ކުރާނެގޮތުގެ ޕްލޭނަކާއި އެކުގައިއެވެ. މިމަހާސިންތާގެ ރިޕޯޓާއި ޕްލޭން ކަމާގުޅޭ ވުޒާރާތަކަށް ހުށަހަޅުއްވާ، މަހާސިންތާގެ ތެރެއިން ކުރަން ނިންމުނު ކަންތައްތައް ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކުރުމަށްވަނީ އެއްބަސްވެވިފައިއެވެ.