ހދ.ކުރިނބީ އައު ކައުންސިލް އިދާރާ އެޅުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ކުރިނބީ ކައުންސިލާއި ހަވާލުކޮށްފި


17 Jul 2023

މި އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހދ.ކުރިނބީ އައު ކައުންސިލް އިދާރާ އެޅުމުގެ ކަންކަން އެ ކައުންސިލް މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގެ އެއްބަސްވުމުގައި މި އޮތޯރިޓީއާއި އެ ކައުންސިލާއެކު މިއަދު ސޮއިކޮށްފިއެވެ. މިހާރު މި އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމެނިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިއެކު 35 މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން ކުރިޔަށް ގެންގޮސްފައިވަނީ މި އޮތޯރިޓީއާއި އެ ކައުންސިލާއެކު ބޭއްވުނު އޮންލައިން ބައްދަލުވުމެއްގައެވެ. މި އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި އޮތޯރިޓީގެ އިދާރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި މި އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޝަމްޢޫން އާދަމްއެވެ. ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ އަސްލަމްއެވެ.

މިހާރު ކައުންސިލް އިދާރާގެ ގޮތުގައި ބޭނުންކުރަމުން ބޭނުންކުރަމުންދާ ޢިމާރާތަކީ 30 އަހަރުވެފައިވާ އިމާރާތެކެވެ. މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ޢިމާރާތުގައި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި މީޓިން ރޫމް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށުގެ އިޖުތިމާޢީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ޖާގައަކާއި މުވައްޒަފުންނަށް ބޭނުންވާ އިތުރު ވަސީލަތްތައްވެސް މި ޢިމާރާތުގައި ހަމަޖެހިފައި ހުންނާނެއެވެ.