ގއ.ކޮނޑޭގެ އައު ކައުންސިލް އިދާރާ ރައީސުލް ޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުއްވައިދެއްވައިފި


17 Aug 2023

ގއ.ކޮނޑޭގެ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވާފައިވަނީ ފާއިތުވެދިޔަ ހަފުތާގައި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި 2023 އޯގަސްޓް 10 ވީ ބުދަދުވަހުއެވެ.

މި މަޝްރޫއުއަކީ މި އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން ކުރިޔަށްދިޔަ މަޝްރޫއުއެކެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އަމޭން މޯލްޑިވްސް ޕވޓ ލޓޑަށް 4،492،486.00 (ހަތަރު މިލިއަން ހަތަރުލައްކަ ނުވަދިހަ ދެހާސް، ހަތަރު ސަތޭކަ އަށްޑިހަ ރުފިޔާ) އަށެވެ.

މި އިމާރާތުގެ މަސައްކަތް 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ފެށި ނަމަވެސް، ކޮވިޑާއި ގުޅިގެން ދިމާވި ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތް ހުއްޓުނެވެ. އަލުން މަސައްކަތް ފަށައި ފަރުނީޗަރ ހޯދައި އެއްކޮށް މަސައްކަތް ނިންމާލެވިފައިވަނީ 2022 ވަނަ އަހަރުއެވެ.

މި ކައުންސިލް އިދާރާގައި ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި މީޓިން ރޫމް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށުގެ އިޖުތިމާޢީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ޖާގައަކާއި މުވައްޒަފުންނަށް ބޭނުންވާ އިތުރު ވަސީލަތްތައްވެސް މި ޢިމާރާތުގައި ހަމަޖެހިފައިވެއެވެ.