އއ ފެރިދޫ ކައުންސިލްގެ އައު ކައުންސިލް އިމާރާތް ރަސްމީކޮށް ހުޅުވައިފި


28 Nov 2023

އއ ފެރިދޫ ކައުންސިލް އިދާރާގެ އައު އިމާރާތް 2023 ނޮވެމްބަރ 16 ވީ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ރަސްމީކޮށް މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ މިކަމަށް ހާއްސަކުރެވިގެން ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މަތިވެރި ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޞިލް ހަސަން ޒަރީރުއެވެ. މި އޮތޯރިޓީގެ އިތުރުން އއ އަތޮޅު ކައުންސިލުންނާއި، ރަށުގެ އިދާރާތަކުގެ އިސްވެރިންނާއި، ރަށަށް ހިދުމަތްކުރަށްވާފައިވާ ހިދުމަތްތެރީންނަށް ދައުވަތު އެރުވިގެން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

އއ ފެރިދޫ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއުއަކީ މި އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، އއ ފެރިދޫ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ. މި މަޝްރޫއު ފަރުނީޗަރު ހިމަނައިގެން ޖުމުލަ 5،514،130.59 (ފަސް މިލިއަން ފަސްލައްކަ ސާދަހާސް، ސަތޭކަ ތިރީސްރުފިޔާ ފަންސާސް ނުވަލާރި)  މި އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ހަރަދު ކޮށްފައިވެއެވެ. މި އިމާރާތް ކުރުމަށް ކޮންޓްރެކްޓަރ އާއެކު ފުރަތަމަ ސޮއިކުރެވުނީ 2021 އޮކްޓޯބަރ 20 ވަނަ ދުވަހުއެވެ. ނަމަވެސް އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރިއަށް ނުދާތީ، ދެވަނަ ފަހަރަށް ބިޑް ކުރުމަށްފަހު ކުރައުން ޕޮއިންޓް ޕްރައިވެޓް ލިމިޓެޑާއިއެކު ކޮންޓްރެކްޓް ކުރެވުނީ 2022 އޮކްޓޯބަރ 31 ވަނަ ދުވަހުއެވެ.

މިއިމާރާތުގެ ކުރެހުމާއި ޑިޒައިން ކުރެވިފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެފަދަ ގޮތަކަށެވެ. މިގޮތުން 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، 16 މީހުންގެ ޖާގައިގެ މީޓިންގެ ރޫމް އެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބުރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެންރަލާއި ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނަށް ވަކިވަކި ކެބިން ޙާއްސަކުރެވިފައިވެއެވެ. މީގެ އިތުރުން މި އިމާރާތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޙާއްސަ މާލަމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއަކާއި، ސާވާރޫމެއްގެ އިތުރުން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހާއްސަ ފާހާނާ އަދި ގަރާޖެއް ހިމެނެއެވެ.

ކުރިން ކައުންސިލް އިދާރާގެ ގޮތުގައި ބޭނުން ކުރަމުންއައީ 47 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި އިމާރާތެކެވެ.