ހެޔޮ ހިންގުމަށް އދ. ދިއްދޫ ކައުންސިލް މުވައްޒަފުން ބާރުވެރިކުރުމުގެ އަމަލީ މަސައްކަތު ހަރަކާތް


24 Dec 2023

އދ. ދިއްދޫ ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ހިސާބު ބެލެހެއްޓުމާއި ރަސްމީ މުވާސަލާތުތަކާއި ލިޔެކިޔުން ބެލެހެއްޓުން ރަނގަޅުކުރުމަށްޓަކައި "ހެޔޮ ހިންގުމަށް މުވައްޒަފުން ބާރުވެރިކުރުމުގެ" އަމަލީ މަސައްކަތު ހަރަކާތެއް މިއޮތޯރިޓީގެ ކައުންސިލް ސަޕޯޓް ސަރވިސް އެންޑް މޮނިޓަރިން ޑިވިޜަނުން އެ ރަށުގައި ފަށައިފިއެވެ. މި މަސައްކަތުގެ ބޭނުމަކީ، އޯޑިޓް ރިޕޯޓްގައި އެ ކައުންސިލުގެ ހިންގުމުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާތީ، ހެޔޮ ހިންގުމަށް މުވައްޒަފުން ބާރުވެރިކުރުމަށް ހިސާބު ކިތާބު ބެލެހެއްޓުމާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް މާލީ މުއާމަލާތްތައް ހިންގުމަށް މުވައްޒަފުން އަހުލުވެރިކޮށް، މާލީ މުއާމަލާތްތަކާއި ރަސްމީ މުވާސަލާތުތަކާއި ލިޔެކިޔުން ޑިޖިޓަލައިޒްކޮށް ކައުންސިލް ހިންގުމަށް މަގުފަހިކުރުވައި ކައުންސިލުގެ އިދާރީ ހިންގުން ހަރުދަނާކުރުމެވެ.

މި އަމަލީ މަސައްކަތުގެ އިތުރު މަޤްޞަދުތަކުގެ ތެރޭގައި ލޯކަލް ގަވަރނަންސް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒްކޮށް އޮފީސް 365 ޕްލެޓްފޯމަށް ބަދަލުވުމުގެ މަރުހަލާތަކަށް މުވައްޒަފުންނަށް މަގުދައްކައިދިނުމާއި، ޑިޖިޓަލް ލިޓްރޭސީ އިތުރުކުރުމާއި، ގުޅުންހުރި ޓެކްނޮލޮޖީތައް ތައާރަފްކުރުމާއި، ހެޔޮ ހިންގުމުގެ ރޫހުގައި މަޢުނަވީގޮތުން އޮފީސް 365 ގެ ފައިދާ އެއްވެސް ދަތިކަމެއް ނެތި ކައުންސިލްގެ އިދާރާގައި ހިންގާ އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މުވައްޒަފުން ބާރުވެރިކުރުން ހިމެނެއެވެ.

މި ހަރަކާތުން އުއްމީދުކުރާ ނަތީޖާއަކީ، ކައުންސިލަރުންނާއި މުވައްޒަފުން ޑިޖިޓަލައިޒޭޝަނާއި އޮފީސް 365 ޕްލެޓްފޯމް ވެސް ފުރިހަމަ ވިސްނުމަކާއެކު، ކާމިޔާބު ބަދަލުވުމަކަށް ބޭނުންވާ ހުނަރާއި ޢިލްމު ލިބުމެވެ. އަމަލީގޮތުން ކުރާ ތަމްރީނާއި ގުޅިގެން ލިބޭ ތަމްރީނުތަކުގެ މަގުސަދަކީ ޑިޖިޓަލް އާލާތާއި އޮފީސް 365 ދުވަހުން ދުވަހަށް ކުރާ އިދާރީ މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ނެތި އިންޓަގްރޭޓްކޮށް، ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ ލޯކަލް ގަވަރނަންސް އެޑްމިނިސްޓްރޭޝަނެއް އުފެއްދުމެވެ.21 ޑިސެމްބަރުން ފެށިގެން 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ހަރަކާތް ނިމޭނީ 24 ޑިސެމްބަރު ވާ އާދީއްތަ ދުވަހުއެވެ.