ސިޓީ އަދި އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށް "ފަނޯއްލަ ދަރުބާރު" ކުރިޔަށް ގެންގޮސްފި


31 Dec 2023

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) ގުޅިގެން ސިޓީއަދި އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށްގެންފަނޯއްލަ ދަރުބާރުގެ ނަމުގައި ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމުގެ މަހާސިންތާއެއް ކުރިޔަށް ގެންގޮއްސި. މިއީ ފަނޯއްލަ ދަރުބާރުގެ ނަމުގައި 2021 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި މިމަހާސިންތާ ބޭއްވިގެންދާ 5 ވަނަ ފަހަރު. މިމަހުގެ 27 އިން 28 އަށް އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ މިމަހާސިންތާގެ މައިގަނޑު މަގްޞަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން ބައްދަލުކުރައްވާ ޚިޔާލު ބަދަލުކުރުން. މިފޯރަމްގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ އިތުރުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް އުމަރު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ސިވިލް ސާރވިސް ކޮމިޝަން، އަދި އައްޑޫ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އައްޑޫ ސިޓީގެ ބައެއް މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވި.

ދެ ދުވަހުގެ މި މަހާސިންތާގައި ޖުމްލަ ގޮތެއްގައި މަޝްވަރާކުރެވިގެން ދިޔައީ 3 ދާއިރާއެއްގެ މައްޗަށް. މިގޮތުން ފޯރަމްގެ ފުރަތަމަ ދުވަހު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭ އާންމު މަސައްކަތްތައް ކައުންސިލްތަކާއި ގުޅިގެން ވިލަރެސްކޮށް ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރުމާ ގުޅޭ ގޮތުންނާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ވަސީލަތްތައް ކައުންސިލްތަކަށް ހޯދައިދިނުމާއި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުން އަދި އިދާރީ ދާއިރާތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރެވުނު. މިދާއިރާތަކުގެ މަޝްވަރާއަށްފަހު، އެ މަޝްވަރާތަކަށް ބިނާކޮށް ދާއިރާތަކާގުޅޭ ގޮންޖެހުންތަކާއި އޭގެ ހައްލު ބައިވެރިންނަށް ވަނީ ހުށަހަޅާފައި. ފޯރަމްގެ ދެވަނަ ދުވަހު ކައުންސިލްތަކުގެ ޕަރފޯމަންސް މިންކުރުމަށް ބޭނުންކުރާ ޕަރފޯމަންސް އިންޑެކްސް މުރާޖާކޮށް، ޕަރފޯމަންސް މިންކުރުމަށް ބޭނުންކުރާ ވޭރިއަބަލްތަކާ އެ ވޭރިއަބަލްތަކަށް މިހާރު ކަނޑައަޅާފައިވާ ވެއިޓޭޖްތައް ހުރިހާ ބައިވެރިންގެ މަޝްވަރާއާއި އެކު ފައިނަލްކުރެވިގެން ދިޔަ. މި މަހާސިންތާ ނިމިގެންދިޔައީ މަޝްވަރާކޮށް ހުށަހެޅި ކަންތައްތައް ބައިވެރިންގެ މެދުގައި ފައިނަލްކޮށް އެކަން ކުރާނެގޮތުގެ ޕްލޭނަކާއި އެކުގައި. މިމަހާސިންތާގެ ރިޕޯޓާއި ޕްލޭން ކަމާގުޅޭ ވުޒާރާތަކަށް ހުށަހަޅުއްވާ، މަހާސިންތާގެ ތެރެއިން ކުރަން ނިންމުނު ކަންތައްތައް ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކުރުމަށްވަނީ އެއްބަސްވެވިފައި.