ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެގޮތުން ބާއްވާ ތަމްރީނު ޕްރޮގްރާމް ފެށިއްޖެ


14 Jun 2021

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުރިއަށްއޮތް 5 އަހަރަށް ކައުންސިލްތަކުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ތަމްރީނު ޕްރޮގްރާމު މިއަދު ފެށިއްޖެ. މިތަމްރީނު ޕްރޮގްރާމު ފެށުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، އަލްފާޟިލް މުޙައްމަދު އަސްލަމް. ހަފްލާ ޝަރަފުވެރިކޮށްދެވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސްޕޭޝަލް ޕްލޭން ހެދިފައި އޮތްގޮތާއި، ސްޕޭޝަލް ޕްލޭންގައި ކަނޑައެޅިފައިވާގޮތަށް ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުގެ ވިސްނުންހުރި ގޮތް ހިއްސާކުރެއްވި. އަދި ސިޓީ/އަތޮޅު/ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ސްޕޭޝަލް ޕްލޭނަށް ބައްލަވައިގެން ކުރިއަށް ގެންދެވުމަށް މިނިސްޓަރގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވި. މީގެއިތުރުން ނެޝަނަލް ޕޮލިސީތަކާއި އެއްގޮތަށް ޕްލޭންތައް އެލައިން ކުރުމަކީ ކަންތައްތައް ލުއިކޮށް، ފަސޭހަކޮށް ކުރެވޭނެ ސަބަބެއްމަށް ފާހަގަކުރެއްވި. އަދި ހަމައެހެންމެ ޖަޒީރާ ގައުމަކަށްވުމުން ދިވެހިރާއްޖެއަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުގެ ޕޮލިސީ އަދި މިހާރު ފަށާފައިވާ މަޝްރޫއުކަމަށްވާ ރާއްޖޭގެ އެއްރަށުން އަނެއްރަށެއް ދަތުރުކުރުމަށް ކުރިއަށްގެންދާ ނޭޝަނަލް ޓްރާންސްޕޯޓް ނެޓްވާރކްގެ މައުލޫމާތު ހިއްސާކުރެއްވި. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގަ ކޮށްފަހުރި މަސައްކަތްތަކާއި މިހާރު ހިނގަމުންދާ ސަރުކާރުގެ މަސައްކަތްތަކުން ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށަކީ އަރާފޭބޭނެ ގޮތް ހަމަޖެހިފަ އޮތް ރަށަކަށްވާނެ ކަމަށާއި، އަދި ސްޕޭޝަލް ޕްލޭންގައި ހުރި ރީޖަން، ޒޯން، އައިލެންޑް ކްލަސްޓަރތަކުގެ ތެރޭގައި ގުޅުންހުންނާނެ ގޮތް ޕްލޭންކޮށް މުޅި ރައްޖެއަށް ނޭޝަނަލް މެރިޓައިމް ޓްރާންސްޕޯޓް ނިޒާމެއް ޕްލޭންކޮށް އެކުލަވާލާފައިވާކަމަށާއި، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ހއ، ހދ އަދި ށ އަތޮޅުގައި މިމަސައްކަތް ފަށައި، ކުރިއަށްއޮތް އަހަރު އިތުރު 3 ނުވަތަ 4 އަތޮޅުގައި މަސައްކަތް ފަށައި، ޖެހިގެން އަންނަ އަހަރު މުޅި ރާއްޖޭގައި މަސައްކަތް ފެށުންކަމަށް ފާހަގަކުރެއްވި.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިއަހަރުގެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ ޒޫމް މެދުވެރިކޮށް، ޖޫން މަހުގެ 14 އިން 17 އަށް ވާރޗުއަލްކޮށް. މިގޮތުން މިއަހަރުގެ ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) މޯލްޑިވްސް ގުޅިގެން. މީގެއިތުރުން ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ކައުންސިލްތަކަށް މަގުދައްކައިދިނުމަށް ތައްޔާރުކޮށްފައިވާ އަތްމަތީ ފޮތް މުރާޖައާކުރުމުގެ މަސައްކަތް ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު ވަނީ ކުރިއަށްގޮސްފައި. މިއަތްމަތީ ފޮތުގެ އެހީގައި ކައުންސިލްތަކުން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރައްވާއިރު، ވިސްނުން ބަހައްޓަންވީ ކަންކަމާއި، ސަމާލުކަންދޭންޖެހޭ މުހިއްމު ކަންތައްތަކަށް އަލިއަޅުވާލައި، ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް މަގުދައްކައިދީފައިވާނެ.

މިތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބައިވެރިވުމަށް ދައުވަތު ވަނީ އެރުވިފައި. އެގޮތުން ކައުންސިލަރުންނާއި، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލާފައި.

4 ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މިތަމްރީނު ޕްރޮގްރާމު ކުރިއަށްގެންދާނީ މި އޮތޯރިޓީއާއި ކަމާގުޅޭ އެކިއެކި އިދާރާތަކާއި، އެކި ދާއިރާތަކުން ތަޖުރިބާ ލިބިލައްވާފައި ތިއްބެވި  ބޭފުޅުންގެ ބައިވެރިވުމާއެކު. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ އިތުރުން ޔޫ.އެން.ޑީ.ޕީގެ ޕްލޭނިންގ ކޮންސަލްޓެންޓަކާއި ކްލައިމެޓް ކޮންސަލްޓެންޓެއްގެ ބައިވެރިވުމާއެކު ޕްލޭން އެކުލަވާލުމުގެ އެކި މަރުހަލާތަކުގައި ކައުންސިލްތަކަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދެވިގެންދާނެ.

2019 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ ކައުންސިލަކުންވެސް އެސިޓީ/އަތޮޅު/ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭ.