ހައްދުންމަތީ އަތޮޅު ކައުންސިލުން ޒެޕްވިސް ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފި


13 Sep 2018

ސްކޫލްތަކުގެ ދަރިވަރުންނަށް ސާފުބޯފެން ފޯރުކޮށްދިނުމުގެ ގޮތުންނާއި ސިންގަލްޔޫސް ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް ހައްދުންމަތީ އަތޮޅު ކައުންސިލުން އިސްނަގައިގެން ޒެޕްވިސް (ޒީރޯ ޕްލާސްޓިކް ވޭސްޓް އިނިޝިއޭޓިވް އެޓް ސްކޫލްސް) ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު 10:30 ގައި އަތޮޅު ކައުންސިލްގެ ތާޖުއްދީން މާލަމުގައި ވަނީ ކުރިއަށްގެންދެވިފައެވެ. މި ރަސްމިއްޔާތުގައި ގަން ފޮނަދޫ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮޖެކްޓަކީ އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމު އާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ހައްދުންމަތީގެ ހުރިހާ ސްކޫލްތަކާއި ޕްރީސްކޫލްތަކަށް ވޯޓަރ ޕިއުރިފިކޭޝަން މެޝިން ފޯރުކޮށްދިނުމާއި އިންސްޓޯލް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި އަތޮޅުގެ ހުރިހާ ސްކޫލަކާއި ޕްރީސްކޫލެއްގައި ޕިއުރިފިކޭޝަން މެޝިންތައް އިންސްޓޯލްކުރެވިގެންދާނެކަމަށާއި، މި ޕްރޮޖެކްޓް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ސްކޫލްތަކުގެ ދަޢުރު ވަރަށް މުޙިއްމުކަމަށް ފާހަގަކުރެއްވިއެވެ.