ވަކި ޢަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ 'ޓައުންހޯލް ބައްދަލުވުން' ތައް ބާއްވާނެ ގޮތުގެ އުޞޫލު އެކުލަވާލައިފި


02 Jan 2019

ވަކި ޢަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ 'ޓައުންހޯލް ބައްދަލުވުން' ތައް ބޭއްވޭނެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަވާފައިވާ ވަޢުދާ ގުޅިގެން، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން، ކައުންސިލްތަކުން އެއް އުޞޫލެއްގެ ދަށުން ޢަމަލުކޮށް، ރައްޔިތުން ކައުންސިލްތަކާ މަޝްވަރާކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ރައްޔިތުންގެ އެދުމަށް ބާއްވާ ޓައުންހޯލް ބައްދަލުވުން ބާއްވާނެ ގޮތުގެ އުޞޫލު މިއަދު ފާސްކުރައްވައިފިއެވެ. މި އުޞޫލު ފާސްކުރީ މިއަދު ބޭއްވި މިއޮތޯރިޓީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައެވެ.

މި އުޞޫލުގެ މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅިގެން ރައްޔިތުންނާއި މަޝްވަރާކުރުމަށް ރައްޔިތުން އެދިގެން ބާއްވާ ޓައުންހޯލް ބައްދަލުވުންތައް އެއް އުޞޫލެއްގެމަތިން ބޭއްވުމަށް މަގުފަހިކުރުމެވެ.

މި އުޞޫލުގައިވާ ގޮތުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ދިރިއުޅެމުންގެންދާ މީހުންގެތެރެއިން 100 މީހުން ނުވަތަ އެތަނެއްގައި ޢާންމުކޮށް ދިރިއުޅޭ އާބާދީގެ 20 އިންސައްތަ ރައްޔިތުން ކައުންސިލްގެ އިޚްތިޞާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއިގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޚިޔާލު ފާޅުކުރުމަށް ޢާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް އެދެފިނަމަ އެކަންކަމާއި މަޝްވަރާ ކުރުމަށް ޓައުންހޯލް ބައްދަލުވުމެއް، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ.