ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ- 2019 ފެށިގެން ކުރިޔަށްދަނީ


10 Feb 2019

ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ- 2019 މިއަދު ފެށިއްޖެއެވެ. އެއްދުވަހުގެ ނިޔަލަށް ހޮޓެލް ޖެންގައި ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ކުރިށްދާ މި މަހާސިންތާގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި މުއްސަސާތަކުގެ ވެރީންގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި،  އަތޮޅު ވެރިކަން ކުރާ ރަށުގައި އިންތިޚާބުކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 7 ރައީސުންނާއި، 9 އަންހެން ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި މަހާސިންތާގައި މަޝްވަރާކުރެވޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި ޕޮލިސީ ލެވެލްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާއަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަހަރަކު  އެއްފަހަރު ބާއްވަމުން ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި މެދު ކައުންސިލްތަކުން ޚިޔާލު ހުށަހަޅައި މަޝްވަރާކުރުމުގެ ފުރުޞަތު ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންމި މަހާސިންތާ ޚާއްސަކުރެވިފައިވަނީ، ކައުންސިލްތަކުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ރަނގަޅުކުރުމަށް ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާކުރުމަށެވެ. އަދި  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާ އިސްލާހުތަކާ މެދު މަހާސިންތާގެ ބައިވެރިންގެ ޚިޔާލު ހޯދުންވެސް ހިމެނެއެވެ.

މި މަހާސިންތާގައި އަލިއަޅުވާލެވޭ މުޙިއްމު ދާއިރާތަކުގެ ތެރޭގައި އިދާރީގޮތުންނާއި، މާލީގޮތުންނާއި، އަދި ސިޔާސީގޮތުން ހުރި ގޮންޖެހުންތައް ހިމެނެއެވެ. މިގޮތުން މަހާސިންތާގައި ޚިޔާލު ފާޅުކުރުމަށް ހުޅުވާލެވޭނެ މުޙިއްމު މައްސަލަތަކުގެ ތެރޭގައި ކައުންސިލްތަކަށް ސަރުކާރުންދޭ ޢާންމު ހިލޭ އެހީގެ ފައިސާ އާއި ކައުންސިލްތަކުން ފީއާއި ކުލިނެގުމާއި، ބިން ބޭނުންކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ފަދަ މުޙިއްމު މަޢުޟޫޢުތަކަށް މަޝްވަރާއަށް ހުޅުވާލެވޭނެއެވެ.

މި މަހާސިންތާގައި މަޝްވަރާކުރުމަށް ހުޅުވާލެވޭ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅާ ކަންތައްތަކަށް ބިނާކޮށް ނިންމުންތަކެއް ނިންމޭނެއެވެ. އަދި މި ނިންމުންތައް ކަމާގުޅޭ މުއައްސަސާތަކަށް ހުށަހަޅައި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.