ކިޔެވެނި ޕޯޓަލް އިފްތިތާހުކޮށްފި


14 Mar 2021

މިއަދު ހެނދުނު އޮންލައިންކޮށް ބޭންވުނު ހަފުލާއެއްގައި ކިޔެވެނި ޕޯޓަލް އިފްތިތާހުކޮށްފިއެވެ. މި ހަފުލާގައި މިއޮތޯރިޓީގެ ސީ.އީ.އޯގެ އިތުރުން މިނިސްޓަރ އޮފޮ ސްޓޭޓް ފޮ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ފަޒްނާ ޝާކިރު، ޑެޕިޔުޓީ މިނިސްޓަރ ފޮ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް މުހައްމަދު ނާސިހް،  ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓަޓިވް މިސް އަކީކޯ ފޫޖީ، ބްރިޓިޝް ހައިކޮމިޝަނަރ ޓު ދަ މޯލްޑިވްސް މިސް ކެރެން ރޮސްލަރ އަދި ޑެޕިއުޓީ ހައި ކޮމިޝަނަރ އޮފް އޮސްޓްރޭލިއާ ޓު ދަ މޯލްޑިވްސް މިސް އެމެންޑާ ޖުވެލް، ބައިވެރިވެ ވަޑައިގަތެވެ.

ކިޔެވެނި ޕޯރޓަލް 'www.kiyeveni.mvއަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއި އެކު ސިޔާސީ މައިދާނަށް އަންހެނުން ނުކުންނާނެ އަދަދު ގިނަ ވުމާއެކު، ހިންގުމުގެ އިސް ސަފުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުވާ އިލްމީގޮތުންނާއި، ފަންނީގޮތުން އަދި ސިޔާސީގޮތުން ޤާބިލް ބަޔަކަށް ހެދުމުގެ އަޒުމުގައި ތައްޔާރުކުރެވިފައިވާ ޕޯޓަލްއެކެވެ.

މިޕޯރޓަލް ފަރުމާކުރެވިފައިވަނީ ޔޫ.އެން.ޑީ.ޕީގެ ބޮޑު އެހީތެރިކަމާއެކު އަދި މިއޮތޯރިޓީއާ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އަދި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓްގެ އާއި ގުޅިގެންނެވެ.

މިޕޯރޓަލްގެ ސަބަބުން ކައުންސިލަރުންނާއި ކައުންސިލް މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މައްސޫލިއްޔަތު އަދާކުރުމަށާއި އެމީހުންގެ މަސައްކަތުގެ މައިދާނަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދެވޭނެއެވެ. މިޕޯރޓަލްގައި ކިޔަވާދެވޭ ކުރު ތަމްރީނުތަކަކުގެ ސަބަބުން ސިޔާސީ މައިދާނަށް ކުރިމަތިލާ އަންހެނުންނަކީ މިހުނަރުތަކުގެ ބޭނުން ހިފާ ރައްޔިތުންގެ ބައިވެރިވުމާއެކު ރަށު ފެންވަރުގެ ތަރައްޤީގެ ކަންކަމާއި އެހެނިހެން މުހިއްމު ނިންމުންތައް ނިންމުމުގެ ޤާބިލްކަން ލިބިފައިވާ ބަޔަކަށް ވެގެންދާނެއެވެ. އަދި މީގެއިތުރުން ކައުންސިލް މުވައްޒަފުންގެ އިދާރީ ހުނަރުތައް ވެސް އިތުރަށް ތަރައްޤީވެ، ރައްޔިތުންނަށް ފަސޭހަވާނެ ފަދައިން އުފެއްދުންތެރިކަމާއެކު އަވަސް ރަނގަޅު ރައްވެހި ޙިދުމަތްތަކެއް ކައުންސިލުން ދެވިގެންދާނެއެވެ.

މި ޕޯޓަލްގައި ހިމެނިފައިވާ ކޯސްތަކާއި އެ ކޯސްތަކުގެ މައުލޫމާތުގެ އެހީގައި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަކީ ހެޔޮ ވެރިކަމުގެ އަސާސްތަކުގެ މަތިން އަމަލުކުރާ ޒިންމާދާރު އަދި ޤާބިލް ބަޔަކަށްވުމަށް މަގުފަހިވެގެން ދާނެއެވެ. އަދި ލާމަޒުކަޒީ ނިޒާމާއި ހެޔޮ ވެރިކަމާ ގުޅޭ މުހިއްމު މައުލޫމާތު އާއްމު ފަރުދުންނަށް ލިބި މިނިޒާމާމެދު އާއްމުންގެ މެދުގައި އޮންނަ ހޭލުންތެރިކަންވެސް އިތުރު ވެގެން ދިޔުމަކީ ވެސް މިޕޯރޓަލްގެ ބޭނުމެކެވެ. މިފަދައިން މިނިޒާމަށް ހޭލުންތެރި ރައްޔިތުން ބިނާކޮށް، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރުންނަކީ ރައްޔިތުންނާ ގާތުން ޙިދުމަތް ފޯރުކޮށްދޭނެ ޤާބިލް ބަޔަކަށް ވުމާއެކު، ހުނަރުވެރި މުވައްޒަފުން ކައުންސިލްގައި މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާވުމަކީ ވެސް މިޕޯރޓަލްގެ އަމާޒެކެވެ.