ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރަންސް ރައީސުލް ޖުމުހޫރިއްޔާ ފައްޓަވައިދެއްވައިފި


30 Mar 2021

މިއޮތޯރިޓީއާއި، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އާއި ޔޫ.އެސް އެއިޑް ގުޅިގެން 'ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް' ގެ ނަމުގައި ކޮންފަރެންސްއެއް މިމަހުގެ 30 ން 31 އަށް އޮންލައިންކޮށް ކުރިޔަށްގެންދާ ކޮންފަރެންސް ފަށްޓަވައިދެއްވަމުން މިހާރު އަމަލު ކުރެވެމުން މިދާ ޤާނޫން އަސާސީ އަކީ، ވަރަށް ބޮޑަށް ލާމަރުކަޒު ކުރުމަށް މަގުކޮށައިދިން ޤާނޫން އަސާސީއެއް ކަމަށާއި، ނަމަވެސް ހަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި، ރަށްތައް ބާރުވެރިވެގެން ދިޔައީ ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު، މި ސަރުކާރުން ހުށަހެޅި އިސްލާޙުތަކުން ކަމުގައި ރަޢީސުސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އަދި ޤާނޫން އަސާސީ އަށް މި ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ ތަރައްޤީއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމުގައި ވެސް ވިދާޅުވިއެވެ. ދިވެހި ރާއްޖެއަކީ އުފެދުމުގައިވެސް ލާމަރުކަޒީ ސިފަތަކާއި އެކު އުފެދިފައި އޮތް ޖަޒީރާ ރާއްޖެއެއްކަމުންނާއި މާސިންގާ ހިންދު ކަނޑައަށް ފެތުރިފައިވާ މި ރަށްތައް ތަރައްޤީ ކުރެވޭނީ މަރުކަޒީ އުސޫލްތައް ދޫކޮއްލެވިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުރިއަށް މި އޮތް ލޯކަލް އިންތިޚާބަކީ ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާޙީ ބަދަލު ތަމްޞީލް ކުރުމުގެ ފުރަތަމަ ފިޔަވަޅުކަމަށާއި މި އިންތިހާބުން ލާމަރުކަޒީ ނިޒާމަށް އަންނާނޭ އެންމެ ބޮޑު ބަދަލަކީ އިންތީޚާބު ކުރެވޭ މަޤާމްތަކުގައި އަންހެނުން ތަމްޞީލްކުރާ މިންވަރު އެތައް ގުނައަކުން އިތުރުވެގެން ދިޔުންކަން ވެސް އެމަނިކުފާނު އަލި އަޅުއްވާލިއެވެ.  

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މީ ރާއްޖޭގެ ތަރައްޤީއަށްވެސް އަދި ސިޔާސީ މަސްރަޙަށްވެސް އަންނާނޭ ހެޔޮ އަދި ބޮޑު ބަދަލެއްކަމާއި މި ބަދަލުތަކުގެ ހެޔޮ އަސަރު ރާއްޖޭގެ ކޮންމެ ރަށަކުން ފެނިގެންދާނެ ކަމަށް ވިދާޅުވެ، ފިރިހެނުންނާއި އެއް ހަމައެއްގައި އަދި މަޤާމްގެ ގޮތުންވެސް އެއް ފެންވަރެއްގައި އަންހެނުން ތަމްޞީލްކުރާ މިންވަރު އިތުރުވެގެން ދިޔުމާއިއެކު އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި ޤައުމީ ފެންވަރުގައި އެކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުވެގެންދާނެކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލިއެވެ.

އަދި އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ މިއީ ރައްޔިތުންގެ ސަރުކާރެއްކަމާއި، މިއީ ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުން ބައިވެރިކޮށްގެން ލާމަރުކަޒީ ނިޒާމް ހިންގަން ޖާގަ ދޭނެ ސަރުކާރެއްކަމެވެ. މިއަދު ކައުންސިލަރުންނަށް ޤާނޫނޫ ބާރު ލިބިއްޖެކާމާއި، ރަށް ރަށުގެ އިހްތިޞާސް ކަނޑައެޅި ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިންތަކާއި، ފަޅުތަކާއި އެވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ ރަށު ކައުންސިލް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެވަސީލަތަކުން ހޯދާ އާމްދަނީ ލިބޭނީ އެރަށަކަށް ކަމާއި މިއީ ދިވެހި ތާރީޚުގައިވެސް ރަށުގެ މިލްކުވެރިކަން ރަށު ރައްޔިތުންނަށް ލިބިގެން އައި ފުރަތަމަ ފަހަރުކަން އެމަނިކުފާނު އުފަލާއި އެކު ފާހަގަކުރެއްވިއެވެ. އަތޮޅު ކައުންސިލްތަކުގެ ދައުރު އެތައް ގޮތަކުން ފުޅާވެ، އަތޮޅު ތަރައްޤީކޮށް، މުޅި އަތޮޅަށް ޚިދުމަތްކުރެވޭނެ ގޮތައް، ޒިންމާތަކާއި ވާޖިބުތައް އަތޮޅު ކައުންސިލްތަކާއި ހަވާލުކުރެވިފައިވާކަމަށާއި ދެން އޮތީ މަސައްކަތް ކުރުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ޤާނޫނުން ލިބޭ ބާރުތަކާއި ވަޞީލަތްތަކާއިއެކު ރަށާއި އަތޮޅާއި، ސިޓީތަކުގެ ތަރައްޤީއަށް މުހިންމު މަސައްކަތްތައް ކޮށް އެކަމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ސަރުކާރުން ދެއްވާނެކަމަށާއި  ކައުންސިލްތަކުގެ މަސައްކަތްތައް މި އޮންނަނީ މަރުކަޒީ ސަރުކާރުގެ މަސައްކަތްތަކާއި ވަރަށް ބޮޑަށް ގުޅިފައިކަމުން، ކައުންސިލްތަކާއި މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެން ޖެހޭނެ ކަމަށާއި، އަދި ސަރުކާރު ހިންގުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި  މަރުކަޒީ  ވިސްނުން ދޫކޮށް،  ސަރުކާރުގެ ސިޔާސަތުތައް،  ތަންފީޒުކުރުމާއި،  ހިދުމަތްތައް ދިނުމުގައި ލާމަރުކަޒީ އުސޫލަށް ބަދަލުވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 ރަށު ބަންދުގައި ތިބޭތާ އަހަރަކަށް ވުރެ ގިނަދުވަސް ވެފައިވާ ކަމަށާއި މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، މި ދަތި ދުވަސްތަކުގައި ލިބުނު އެންމެ ބޮޑު އިބުރަތަކީ މާލޭގެ ތޮއްޖެހުމާއި މެދު ފިޔަވަޅު އެޅުން މާބޮޑަށް ލަސްވެފައިވާ ކަމަށާއި މާލެ އަށް ޖަމާކޮށްފައިވާ ބާރުތަކާއި ހިދުމަތްތައް މުޅި ރާއްޖެއަށް ބަހާލަން ޖެހޭކަމެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއިއެކު ސަރުކާރުން ސަމާލުކަންދިނީ ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކޮށް،  ކޮވިޑް ގެ ދަތި ކަމުގައި މިހޭދަވި  އަހަރަކަށްވުރެ ގިނަދުވަސް ސަރުކާރުން މަސައްކަތް ކުރީ ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލުތަކަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި  ވަސީލަތްތައް ދީ، އެތަންތަން ތަރައްޤީ ކުރުމަށްކަމެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި  މީއީ ކޮވިޑް ހާލަތުގައި ސަރުކާރަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތްކަމާއި، ކޮވިޑްގެ ސަބަބުން އެތައް މަހެއް މާލެ ބަންދުވަފެއި ވީނަމަވެސް، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުން އެކަށީގެންވާ ފެންވަރުގައި ހިދުމަތް ދީފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އެއީ ސިއްޙީ ހިދުމަތް ލާމަރުކަޒުކުރުމަށް 2019 ވަނަ އަހަރުން ފެށިގެން  ކުރަމުން މިއަންނަ މަސައްކަތުގެ ނަތީޖާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.  މިކަންކަން ފުރިހަމައަށް ކުރެވޭނީ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ ވިސްނުން ލާމަރުޒީ ޤާނޫންގެ ރޫޙާއި އެއްގޮތް ވެގެންކަމަށާއި، މި ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ، ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ވިސްނުމާއި މަސައްކަތް  މި މަގަށް ބަދަލުކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  އެމަނިކުފާނު އިތުރަށް ވިދާޅުވީ މިފަދަ މުނާސަބު ވަގުތެއްގައި ހުރިހާ ބޭފުޅުން މަސައްކަތް ފައްޓަވައިދެއްވައި، ލާމަރުކަޒީ ނިޒާމަށް ރާއްޖެ ބަދަލުކުރުމަށް ކުރަން ހުރި ކަންކަމާއި މެދެ މަޝްވަރާ ކުރައްވައި، މިކަން ކުރެވޭނެ ގޮތަށް ވިސްނުން ބެހެއްޓެވުމަށެވެ. މީގެ އިތުރުން މިއީ އެކި ސިޔާސަތުތައް އެއްގޮތް ކުރުމަށް ލިބޭ ފުރުޞަތެއް ކަމާއި، މި ފުރުޞަތުގައި  އައި.އާރު.އައި،  ޔޫއެސް އެއިޑް، އަދި ބައިނަލް އަގުވާމީ ޖަމާއަތްތަކުން ވެދެއްވާ އެހީތެރިކަން ބަލައި ގަންނަކަން އެމަނިކުފާނު ފާޙަގަކުރެއްވިއެވެ.