ނ. މިލަދޫ އަދި ފ.ބިލެއްދޫ ކައުންސިލު އިދާރާ އެޅުމުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކޮށްފި


01 Apr 2021

މި އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ނ. މިލަދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު އާއި ފ. ބިލެއްދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ 01 އޭޕްރިލް 2021 ވަނަ ދުވަހު ބޭއްވުނު އޮންލައިން ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި އެއްބަސްވުންތަކުގައި  އެލް.ޖީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ. މި ބައްދަލުވުމުގައި އެލް.ޖީ.އޭގެ ފަރާތުން ސީ.އީ.އޯ ދެއްކެވި ވާހަކަ ފުޅުގައި މި ދެ ޕްރޮޖެކްޓްގެ މުހިންމުކަން ފާހާގަކުރެއްވައި، ޕްރޮޖެކްޓް އެންމެ އެކެށޭނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެލް.ޖީ.އޭގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަން ފާހަގަ ކުރެއްވިއެވެ.

ފ. ބިލެއްދޫ ކައުންސިލުންގެ ފަރާތުން ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މި ޕްރޮޖެކްޓަކީ ބިލެއްދޫ ރައްޔިތުން 23 ވަރަކަށް އަހަރުވަންދެން އިންތިޒާތު ކުރަމުންއައި ޕްރޮޖެކްޓެއް ކަމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅިގެން ކައުންސިލް އައު އިމާރާތެއްގެ ބޭނުން އިތުރަށް ބޮޑުވެފައިވާކަން ފާހަގަ ކުރެއްވިއެވެ.

ނ. މިލަދޫ ކައުންސިލުންގެ ފަރާތުން ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ނ. މިލަދޫއަކީ ވެސް ކައުންސިލްގެ އައު އިމާރާތަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށެއް ކަމަށާއި، ކައުންސިލްގެ އިދާރާ އަމިއްލަ ފާރާތެއްގެ އިމާރާތުގައި ހިންގަމުން ގެންދާތާ ގާތްގަނޑާކަށް 9 އަހަރު ވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ކައުންސިލް އިދާރާގެ އައު އިމާރާތެއް ލިބުމުގެ ސަބަބުން މިލަދޫ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބި، ކައުންސިލުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ.