'ރަންހިރު ދަރުބާރު'ގެ ފުރަތަމަ ފޯރަމް ނިމިއްޖެ.


19 Dec 2021

އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، މަސައްކަތްތައް އަމާޒުކުރާ މައިގަނޑު 9 އިސްތިރާޖީ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުވައި، ހިންގުމުގެ ނިޒާމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 'ރަންހިރު ދަރުބާރު'ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސިލްސިލާ ފޯރަމްގެ ފުރަތަމަ ފޯރަމް ނިމިއްޖެ. މިދަރުބާރުގެ މައިގަނޑު މަގްޞަދަކީ އިގްތިޞާދީގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށް، ސިޔާސީގޮތުންނާއި އިގްތިޞާދީގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމުގެ އިތުރަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީގެ ޒިންމާތައް އަދާކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި މިދާއިރާތަކުން އަންހެނުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަޝްވަރާކުރުމާއި ހިޔާލު ބަދަލުކުރުމަށް އެކަށީގެންވާ މާހައުލެއް އުފެއްދުން. 2021 ޑިސެމްބަރު 14 ވަނަ ދުވަހު ބޭއްވުނު މިދަރުބާރުގެ ފެށުމުގެ ގޮތުން ބޭއްވުނު ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޑރ. އާމިނަތު ޖަމީލް. މިއަހަރުގެ ދަރުބާރުގެ ބައިވެރިންގެ ގޮތުގައި ހުވަދުއަތޮޅާއި، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ޖުމްލަ 27 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި.

 

މިދަރުބާރުގައި ލޯކަލް ލެވެލްގައި ހުރި އިގްތިޞާދީ ފުރުޞަތުތަކާ ގުޅޭގޮތުން އިންސްޓިޓިއުޓް ފޯ އައިލޭންޑް ޑިވެލޮޕްމެންޓްގެ ފަރާތުން ބައިވެރިންނަށް މައުލޫމާތު ހިއްސާކުރައްވާފައިވޭ. އަދި އިޖްތިމާއީގޮތުން އަންހެނުން ބާރުވެރިކުރުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީތަކުގެ ދައުރާ ގުޅޭގޮތުން ބޭއްވުނު ސެޝަން ކުރިއަށްގެންގޮސްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ބައިވެރިން ހިމެނޭގޮތަށް ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދެވުނު. މިޕެނަލްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ހުޅުމާލެ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަލީ ނިޔާޒް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަދި ކުރީގެ ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އަލްއުސްތާޛާ އާއިޝަތު ރިޒްނާ، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) ގެ ޕްރޮގްރާމް މެނޭޖަރ އައިމަން ރަޝީދު އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަފްޝަން ލަތީފް ބައިވެރިވެ ވަޑައިގެންނެވި. ހަމައެހެންމެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ކައުންސިލާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މިއޮތޯރިޓީގެ ފަރާތުން މައުލޫމާތު ހިއްސާކޮށް، އޮތޯރިޓީގެ ކަމާގުޅޭ ބޭފުޅުން ހިމެނޭގޮތަށް ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދެވުނު. މިޕެނަލް ޑިސްކަޝަންގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީތައް ހިންގުމާއި ކައުންސިލާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ހިއްސާކުރެވުނު.

 

މިދަރުބާރުގެ ތެރެއިން އިގްތިޞާދީގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ބާރުވެރިކުރުމަށް އެހީތެރިވެދީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީތަކާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް މަގުފަހިކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ގިނަ މަޝްވަރާތަކެއް ކުރެވިގެންދިޔަ.