17 ރަށެއްގެ ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ފައިސާދޫކުރުމުގެ އެއްބަސްވުމުގައި އެ ކައުންސިލްތަކާއެކު ސޮއިކޮށްފި


23 Aug 2022

ޓޮޕޮގްރެފިކް ސަރވޭ ކުރުމާއި ލޭންޑްޔޫޒް ޕްލޭން ހެދުމަށް މި އޮތޯރިޓީގެ ބަޖެޓްގައި ހިމެނިފައިވާ 42 ރަށުގެ ތެރެއިން މަސައްކަތް ފެށުމަށް ފައިސާ ހަވާލުނުކުރެވި ހުރި 17 ރަށަށް އެ މަސައްކަތްކުރުމަށް ޖުމްލަ 3.4 މިލިއަން ރުފިޔާ ކޮންޑިޝަނަލް ގްރާންޓް ދޫކުރުގެ އެއްބަސްވުމުގައި އެ ރަށްރަށުގެ ކައުންސިލްތަކާއެކު ސޮއިކޮށްފިއެވެ.

 

މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިޔަށް ގެންގޮސްފައިވަނީ 18 އޯގަސްޓް 2022 ވަނަ ދުވަހު މި އޮތޯރިޓީގައި އޮންލައިންކޮށް ކުރިޔަށް ގެންދެވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ ދަށުން ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ހަމަޖެހިފައިވާ ރަށްތަކުން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ. މި އޮތޯރިޓީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަޠީފެވެ. މި ޕެކޭޖްގެ ދަށުން އެއްބަސްވުމުގައި ސޮއިކުރެވުނު ރަށްރަށަކީ އދ.ކުނބުރުދޫ، ވ.ކެޔޮދޫ، ވ.ރަކީދޫ، ފ.މަގޫދޫ، ދ.މާއެނބޫދޫ، މ.މުލައް، މ.މަޑުއްވަރީ، މ.ވޭވައް، މ.ރަތްމަންދޫ، ތ.ހިރިލަންދޫ، ތ.ކިނބިދޫ، ތ.ދިޔަމިގިލި، ތ.ކަނޑޫދޫ، ތ.އޮމަދޫ، ތ.ބުރުނީ، ތ.ވަންދޫ އަދި ތ.ގާދިއްފުއްޓެވެ.

 

07 ޕެކޭޖެއްގެ މައްޗަށް އެކުލެވިގެންވާ މި މަސައްކަތުގެ ޕެކޭޖް 1،2 އަދި 3 ގައި ހިމެނޭ 18 ރަށެއްގައި މި މަސައްކަތްކުރުމަށް "އިޕޮކް އެސޯސިއޭޓްސް އިން އެސޯސިއޭޝަން ވިތު ޝެރެޓް ސްޓޫޑިއޯޒް" އާއެކު އެއްބަސްވުން އެކުލަވާލާ، 03 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 20 ޖޫން 2022 ގައި އެފަރާތަށްވަނީ މަސައްކަތް ހަވާލުކޮށްފައެވެ. 4 މިލިއަން ރުފިޔާގެ މި ޕެކޭޖްގައި ހިމެނޭ ރަށްރަށަކީ ހއ. މާރަންދޫ، ހއ. ވަށަފަރު، ހއ. ތަކަންދޫ، ހއ. މޮޅަދޫ، ހދ. ކުރިނބީ، ހދ. ހިރިމަރަދޫ، ށ. ފޯކައިދޫ، ށ. ފޭދޫ، ށ. ޅައިމަގު، ށ. ނަރުދޫ، ށ. ނޫމަރާ، ށ. މަރޮށި، ށ. ކޮމަންޑޫ، ރ. އަލިފުށި، ރ. މަޑުއްވަރީ، ރ. މާކުރަތު، ރ. ވާދޫ އަދި ރ. ރަސްގެތީމެވެ.

 

އަދި މި މަސައްކަތުގެ ޕެކޭޖް 7 ގެ ކޮމްބައިންޑް އިވޭލުއޭޝަނުން އެންމެ މަތިން ސްކޯރކޮށްފައިވާ ދެ ފަރާތަށް މި މަސައްކަތުގެ އާރް.އެފް.ޕީގައި ބަޔާންކޮށްފައިވާ އެއް ޕާޓީއަކަށް ގިނަވެގެން ހަވާލުކުރެ ވޭނެ ޕެކޭޖުގެ އަދަދު ހަމަވެފައިވާތީއާއި، މި މަސައްކަތުގެ ކޮމްބައިންޑް އިވެލުއޭޝަނުން އިތުރު އެހެން އެއްވެސް ފަރާތެއް ފާސްވެފައި ނުވާތީ، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން ކައުންސިލްތަކާއި އެކު މަޝްވާރާކުރެވުނު ގޮތަށް، ޕެކޭޖު 7 އަށް އެލޮކޭޓް ކުރެވިފައިވާ 1.4 މިލިއަން ރުފިޔާ 24 މެއި 2022 ގައި މި ހުރިހާ ކައުންސިލްތަކެއްގެ މެދުގައި ހަމަހަމައަށް ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ވަނީ ދޫކުރެވިފައެވެ. މި ޕެކޭޖްގައި ހިމެނޭ ރަށްރަށަކީ ލ.މާމެންދޫ، ލ.ދަނބިދޫ. ލ.މުންޑޫ، ގއ.ދެއްވަދޫ، ގއ. ނިލަންދޫ، ގއ. ކަނޑުހުޅުދޫ އަދި ގދ. ނަޑެއްލާއެވެ.