ފަނޯއްލަ ދަރުބާރު ހައްދުންމަތީ ގަމުގައި ފެށިއްޖެ


09 Sep 2022

މި އޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫ.އެސް.އެއިޑް ގުޅިގެން  ސިލްސިލާކޮށް ކުރިޔަށް ގެންދާ ފަނޯއްލަ ދަރުބާރު ހަތަރުވަނަ ދަރުބާރު ހައްދުންމަތީގައި ގަމުގައި މިއަދު ހެނދުނު ފެށިއްޖެއެވެ.

ލާމަރުކަޒީ ޤާނޫނަށް އެންމެ އަވަހަށް ގެނައުމަށް މަޝްވަރާ ކުރެވެމުންދާ ބަދަލަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަންއާއި ގުޅޭ ބަދަލު ކަމަށް މި ދަރުބާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ދަރުބާރު ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަތީފާއި ޔޫ.އެސް. އެއިޑުން ދިވެހިރާއްޖެއަށް ކަނޑައޅުއްވާފައިވާ ޕްރޮގްރާމް ކޯޑިނޭޓަރ ހިލެރީ މިޑްކިފް އާއި އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝައްމުޢޫން އާދަމް ވާހަކަފުޅު ދެއްކެވިއެވެ.

މި ދަރުބާރު އަމާޒުކުރެވިފާވަނީ ނިލަންދެއަތޮޅު ދެކުނުބުރިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރަށް ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކަމާގުޅުން ހުރި ވުޒާރާތަކާއި އަދި އިދާރާތަކާއި ކުންފުނިތަކުން ދުއިއްސައްތައަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެއެވެ.

ފަނޯއްލަ ދަރުބާރުގެ މަޤްޞަދަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތަކާއި އަދި ޖުމްލަގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމެވެ. މިގޮތުން މިހާސިންތާގައި އެއްބަސްވެވޭ ކަންތައްތައް 11-12 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ލ.ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވިއަވަތި ރާއްޖެ' މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.