ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމަށާއި ވިޔަ މޮޑިއުލް ބޭނުންކުރުމަށް ޓްރެއިނިންގ އޮފް ޓްރެއިނަރސް ތަމްރީންކޮށްފި


21 Feb 2023

މި އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން، ކައުންސިލްތަކުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމަށާއި ވިޔަ މޮޑިއުލް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން، އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 'ޓްރެއިނިންގ އޮފް ޓްރެއިނަރސް' (ޓީއޯޓީ) ޕްރޮގްރާމު ނިމިއްޖެއެވެ. މި ތަމްރީނު ޕްރޮގުރާމު ކުރިޔަށްގެންގޮސްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް، މި އޮތޯރިޓީގެ ޓްރޭނިންގ ހޯލްގައެވެ.  މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރައްވާ އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުން މެދުވެރިކޮށް، އެ އަތޮޅެއްގެ ރަށު ކައުންސިލްތަކަށް ބޭނުންވާ ކަމާ ގުޅޭ ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަތޮޅު ކައުންސިލަކުން 2 ފައިނޭންސް މަސައްކަތް ކުރައްވާ މުވައްޒަފަކަށް ފުރުސަތު ދެވުނު މި ޕްރޮގުރާމުގައި ބައިވެރިވެފައިވަނީ ޖުމުލަ 35 ބައިވެރީންނެވެ.

މި ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ  މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަތީފެވެ. އަދި މި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.