ލާމަރުކަޒީ ދުވަހު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) އިފްތިތާޙްކޮށްފި


27 Feb 2023


މި އަހަރުގެ ލާމަރުކަޒީ ދުވަހާ ގުޅުވާލައިގެން 2023 ފެބްރުއަރީ 26 ވީ އާދީއްތަ ދުވަހު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) އިފްތިތާޙްކޮށްފިއެވެ.  އިންސްޓިޓިއުޓް އިފްތިތާހްކުރުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި އިންސްޓިޓިއުޓް އިފްތިތާހްކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

 

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) އަކީ މި އޮތޯރިޓީން ކައުންސިލްތަކަށް ދޭންޖެހޭ ތަމްރީނުތައް ކަނޑައަޅައި، އެ ތަމްރީނުތައް ކައުންސިލްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައި، ކައުންސިލްތަކަށް ދޭ ތަމްރީނުތައް އިތުރަށް ހަރުދަނާކޮށް ގިނަ ބަޔަކަށް ތަމްރީނު ލިބޭފަދަ ގޮތަކަށް ތަމްރީނުތައް ބައްޓަންކޮށް، އަދި އޮތޯރިޓީން ދޭ ތަމްރީނުތަކަކީ އެހެން މުވައްސަސާތަކުންނާއި ތަމްރީނު ލިބިގަންނަ ފަރާތްތަކުން ބަލައިގަންނަ ފެންވަރު ރަނގަޅު އަގުހުރި ތަމްރީނުތަކަކަށް ހެދުމަށް ރެޖިސްޓްރީކޮށްފައިވާ އިންސްޓިޓިއުޓެކެވެ.

 

އެމް.އައި.އެލް.ޖީ އިފްތިތާޙްކުރުމުގެ މި ހަފްލާގައި މި އިންސްޓިޓިއުޓްގެ ރަސްމީ ވެބްސައިޓް www.milg.gov.mv އަދި އިންސްޓިޓިއުޓްގެ ސްޓްރެޓިޖިކް ޕްލޭންވެސް ވަނީ މި ހަފްލާގައި އިފްތިތާހްކޮށްފައެވެ. މީގެ އިތުރުން، މި ހަފްލާގައި މި އިންސްޓިޓިއުޓްގެ ޓްރެއިނިންގ ޑައިރެކްޓަރީވަނީ އިފްތިތާހްކޮށްފައެވެ. ޓްރެއިނިންގ ޑައިރެކްޓްރީގައި އިންސްޓިއުޓުން ކުރިޔަށް އޮތް ތިން އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓްރެއިނިން ޕްރޮގްރާމްތަކާއި މި ޕްރޮގްރާމްތައް ކުރިޔަށް ގެންދާނެ ތާރީޚާއި އަދި އަމާޒުކުރެވޭ ފަރާތްތައް ހިމެނިފައިވެއެވެ.

 

އެމް.އައި.އެލް.ޖީ ގެ ސްޓްރެޓީޖިކް ޕްލޭނާއި ޓްރެއިނިންގ ޑައިރެކްޓްރީގެ އިތުރުން އިންސްޓިޓިއުޓްގެ އީ-ލަރނިންގ ޕޯޓަލް ކަމުގައިވާ 'ކިޔެވެނި' ޕޯޓަލް (kiyeveni.mv) އަށް ފަހުން ގެނެވުނު ބަދަލުތަކާއި އައު ފީޗަރސްތައްވެސްވަނީ ރޯލްއައުޓް ވަނީ ކޮށްފައެވެ. 'ކިޔެވެނި ޕޯރޓަލް' އަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއި އެކު ސިޔާސީ މައިދާނަށް ނުކުތުމަށް އިންތިހާބުގައި  އަލަށް ކުރިމަތިލި އަންހެނުންގެ އަދަދު ގިނަ ވުމާއެކު، ހިންގުމުގެ އިސް ސަފުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުވާ އިލްމީގޮތުންނާއި، ފަންނީގޮތުން އަދި ސިޔާސީގޮތުން ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އެއަޒުމުގައި 2021 ވަނަ އަހަރުގެ މާރޗް 14 ވަނަ ދުވަހު ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ތައާރަފުކޮށްފައިވާ ޕޯޓަލްއެކެވެ. ކިޔެވެނި ޕޯޓަލްގައި މިހާރު ހިމެނިފައިވާ ސެލްފް ޕޭސްޑް ކޯސްތަކުގެ އިތުރުން ހުރިހާ ޖިންސަކަށް އަމާޒުކޮށްގެން އެހެނިހެން ކޯސްތަކާއި ފީޗާސްތައް އިތުރުކުރުމަކީ ޕޯޓަލް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމުގެ ދިގު ރަސްތާގެ ޕްލޭންގައި ހިމެނިފައިވާ ކަމެކެވެ. އެހެންކަމުން، މިހާރު ޕޯޓަލްގައި ހިމެނޭ ކޯސްތަކަކީ ދެޖިންސަށް އާއްމުކޮށް ހުޅުވާލެވިފައިވާ ކޯސްތަކާއި އަދި ވަކިން ހާއްސަކޮށް ކައުންސިލަރުން، ކައުންސިލްގެ މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށް މުހިއްމު ހުނަރުތައް ދަސްކޮށްދިނުމުގެ ދިގު އަދި ކުރު ކޯސްތަކެކެވެ.

 

އެމްއައި.އެލް.ޖީ އިފްތިތާހްކުރުމުގެ މި ހަފްލާގައި ކުރިޔަށް އޮތް ފަސް އަހަރުތެރޭގައި މި އިންސްޓިޓިއުޓާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން 4 ފަރާތަކާއެކު މި އިންސްޓިޓިއުޓުން ފަހުމުނާމާތަކެއްގައި ސޮއިކުރެވިފައިވެއެވެ. މިގޮތުން މި ފަހުމުނާމާތަކުގައި ސޮއި ކޮށްފައިވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ވިލާ ކޮލެޖެވެ.