ލާމަރުކަޒީ ކުއިޒް 2024 ކާމިޔާބު ކުރެއްވި ނަސީބުވެރިޔާ އަށް އިނާމު ޙަވާލުކުރުވުން


14 Mar 2024

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އިން އިންތިޒާމްކޮށްގެން (އެމްއައިއެލްޖީއޭ)، "ލާމަރުކަޒީ ކުއިޒް 2024" ގެ ނަމުގައި ފެބުރުވަރީ 26 އިން ފެށިގެން ބޭއްވި ކުއިޒް ކާމިޔާބުކުރެއްވި ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފިއެވެ.

"ލާމަރުކަޒީ ކުއިޒް 2024" ގެ ނަމުގައި ބޭއްވި ކުއިޒް ބިނާވެފައިވަނީ މި އޮތޯރިޓީގެ ފަރާތުން ކޮންމެ ދުވަހަކު ހިއްސާކުރާ ތިން ސުވާލުގެ މައްޗަށެވެ. 7 ދުވަހަށް ކުރިޔަށް ގެންދިޔަ ކުއިޒް އަށް ޝަރުތު ހަމަވާ ބޭފުޅުން ކޮންމެ ދުވަހެއްގެވެސް ތިން ސުވާލަށް ޖަވާބު ހުށައަޅާފައިވެއެވެ. މި ކުއިޒްގެ މައި އިނާމަށް ހޮވިވަޑައިގަންނަވަނީ ހުރިހާ ދުވަހެއްގެ ސުވާލުތަކަށް ރަނގަޅު ޖަވާބު ދެއްވާ ބޭފުޅުން އެކަންޏެވެ. އެގޮތުން މިއަހަރުގެ މައި އިނާމަށް ހޮވިފައިވަނީ 6 ބޭފުޅުންނެވެ. އަދި މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެލްޖީއޭގެ މުވައްޒަފުން ފިޔަވައި ކޮންމެ ރައްޔިތަކަށް ވެސް ވަނީ ހުޅެވާލެވިފައެވެ. 

މިދިޔަ ހަފްތާ އެމްއައިއެލްޖީއޭ ގެ މީސްމީޑިޔާގައި ބޭއްވި ލައިވްސްޓްރީމެއްގައި ކުއިޒުގެ ހުރިހާ ސުވާލުތުތަކަކަށް ރަނގަޅު ޖަވާބު ފޮނުވި 6 ބޭފުޅުންގެ ތެރެއިން  2000 (ދެ ހާސް ރުފިޔާ) ރުފިޔާގެ އިނާމު ގުރުއަތުން ކާމިޔާބު ކުރެއްވީ މުޙައްމަދު ޢާއިޝް ޢާމިރުއެވެ. މުޙައްމަދު ޢާއިޝްގެ ފަރާތުން އިނާމާ ޙަވާލުވެވަޑައިގަތީ އަޙްމަދު ޢާމިރުއެވެ. އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް ގެ ފަރާތުން އޭނާއަށް ލިޔުން ހަވާލުކޮށްދެއްވީ އެލްޖީއޭގެ ސީއީއޯ، ޑރ.މަރިޔަމް ޒުލްފާއެވެ. 

އެމްއައިއެލްޖީއޭއިން ބޭއްވި މި ކުއިޒުގެ މަގަސަދަކީ ލާމަރުކަޒީ ދުވަހައި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ލާމަރުކަޒީ ނިޒާމައި ބެހޭގޮތުން މައުލޫމާތު ލިބިފައިވާ މިންވަރު ވަޒަންކޮށް، ގިނަ އާންމު ރައްޔިތުންނަކަށް ލާމަރުކަޒީ ނިޒާމު ބަޔާން ކޮށްދެއްވައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ހޭލުންތެރިކުރުވުމެވެ. އެގޮތުން މިފަދައިން ބާއްވާ މުބާރާތްތަކަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. އަދި މިކުންފުނީގެ އެދުމަކީ ކުރިއަށް އޮތް ތަނުގައި ބާއްވަން ނިންމާފައިވާ މިފަދަ މުބާރާތްތަކުގައި މިއަށް ވުރެވެސް ގިނަ އަދަދެއްގެ ރައްޔިތުންނެއް ބައިވެރިވުމެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި އޮތޯރިޓީގެ މީސްމީޑިޔާ (milg.lga@) އިން އެފުރުސަތު ލިބިގެންދާނެއެވެ.